އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ އެންމެ ބޮޑު ފާއިދާއަކަށް ވެގެންދިޔައީ ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގައި ޕްރޮގުރާމުތައް ހިންގާއިރު ލިވަޕޫލްގެ ކޯޗެއް ރާއްޖޭގައި ހުރުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ މިކަމުގެ ސަބަބުން ފުޓްބޯޅައިގެ މައުލޫމާތު އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެންދިޔުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެންމެ ފަހުން ލިވަޕޫލްއާއެކު ވެވެނު އެއްބަސްވުމުގައި މިވަގުތަށް ކުރެވޭނެ ކަންތައްތައް ލިވަޕޫލްއިން ދިވެހި ސަރުކާރަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށެވެ. ފުރަތަމަ ޕްލޭނަކަށްވީ މާލެ ސަރަހައްދުގައި ފަށަން ކަމަށާއި، އޭގެ ނަތީޖާގެ އަލީގައި ރާއްޖޭގެ ދެން ހުރި ސަރަހައްދުތަކުގައި އަހަރެއް ފަހުން ލިވަޕޫލުން ޕްރޮގުރާމުތައް ހިންގުމަށް ނިންމާފަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ ވިސްނުމަކީ ސިންދަފާތުކޮށްގެން މިކަން ކުރުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި ފުޓްބޯޅައަށް ބެލިކަމުގަވިޔަސް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވޭނެ މަގު ހުޅިވިގެން ދިޔަ ދަތުރެއްގެ ގޮތުގައި ވަޒީރު ރާފިޢު ފާހަގުކުރެއްވިއެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ އެ ފުރުސަތު ރާއްޖެއަށް ހުށަހަޅާފައި އޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރަން ހުރި އެންމެ މުހިންމު ކަމަކީ ކުޅިވަރުގެ ތެރެއިން އެކަންކަން ކުރާނެ ގޮތެއް ހޯދުން ކަމަށެވެ. އަދި މިއީ ކުޑަދުވަސްކޮޅެއްގެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ލިވަޕޫލްއާ އެކު ވެވެނު އެއްބަސްވުމަކީ ތިން އަހަރާއި ބައިގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
"އެހެންވީމަ ހައެއްކަ މަސް ނުވަތަ އަށް މަސްތެރޭގައި އަޅުގަނޑުމެންނަށް ސްޓާޓް ކުރެވުނަސް ވަގުތު އެބައޮތް މި ޑިވަލޮޕްމެން ސްޓާޓްކުރަން، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިފައި މިއޮތީ." ރާފިޢު ވިދާޅުވިއެވެ.
ލިވަޕޫލްގެ އަރަމުން އަންނަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމުތަކާއި ވެޓެރަންސް ޓީމުތައް މެޗުތަކެއް ކުޅުމަށް ރާއްޖެއަށް އައުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.