ތުރުކީވިލާތުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވެ، އަމިއްލަ އުފެއްދުންތައް ވިއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތުރުކީގެ ވިޔަފާރިވެރިންނާއެކު ކުރެއްވި ބައްދަލުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިޤްތިޞާދާއި ބެހޭ ވަޒީރު ސަޢީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ބައްދަލުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތުރުކީވިލާތުގައި ޤާއިމްވެފައިތިބި ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައްވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެކަމަށެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަށްއޮތްތާނގަވެސް މިފަދަ ބައްދަލުވުންތައް ބޭއްވިގެންދިއުމަށް އުންމީދުކުރާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކުރައްވައި އެބޯޑުގެ ޗެއަރމަނާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި ތުރުކީއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ޤާއިމުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތެވެ. ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ ގުޅުން ބަދަހިވަމުންނެވެ. އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް ތުރުކީވިލާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.