ވިލިމާލޭގެ ގިރަމުންދާ ސަރަޙައްދު ހިމާޔަތްކުރުމަށް އެސަރަހައްދުގައި ޖަމްބޯ ބޭގް ޖަހަން ފަށައިފިއެވެ. މިމަސައްކަތްކުރަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކުއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ގޮނޑުދޮށް ގިރަމުންދާތީ އެސަރަހައްދުގައި ހުރި ގަސްތައް ވެއްޓުމުގެ ބިރު އޮތުމާއެކު އެކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާ ހިއްސާކުރެއްވިކަމަށެވެ. މިއާއެކު ވަގުތުން އެކަމަށް އިޖާބަ ދެއްވާ ދެގަޑިއެއްހާއިރު ތެރޭގައި ގިރަމުންދާ ސަރަޙައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ފައްޓަވާދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ކުރަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ހަލާކުވެ، އެ ސަރަޙައްދުގެ ގަސްތަކަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށް ހުށަހެޅުނު މައްސަލައަށް އަވަސް އިޖާބައެއް ދެއްވައި، ދެ ގަޑިއިރުގެ ތެރޭގައި އަމަލީ މަސައްކަތް ފެއްޓެވި ކަމަށްޓަކައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން،… pic.twitter.com/ZyHDRiQAZg
— Mohamed Areesh (@attuareesh) April 16, 2025
އަރީޝް ވިދާޅުވީ ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ގިރަމުންދާކަމަށާއި މިހާތަނަށް ގަސްތަކެއް ވެއްޓިފައި ނުވާކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރު އެސަރަޙައްދު ގިރަމުންދާގޮތުން ގަސްތައް ވެއްޓުމުގެ ބިރު އޮތްކަމަށެވެ. އެހެންކަމުން މިފަދަކަމެއް ކުރިމަތިވުމުގެ ކުރިން ވަޒީރު ޑރ.މުއްޠަލިބުގެ ސަމާލުކަމަށް ގެންނެވީކަމަށެވެ.
އަރީޝްވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި އެސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައިވާތީ، އަދި ތިމާވެށީގެ ކުއްލި މައްސަލަތަކުގައި އަވަސް ޙައްލުތައް ހޯއްދަވާދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބަށް ޝުކުރު އަދާކުރައްވާފައެވެ.