ޚަބަރު

ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަނީ


  • ސްޕެޝަލިސްޓުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުން

  • މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ

ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ސިއްޙީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ސިއްޙީ ވުޒާރާއިން ވަނީ 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަން އިޢުލާންކޮށްފައެވެ. މި މަޤާމުތަކަކީ އެ ވުޒާރާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ހޯދާ ބައެކެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސްޕެޝަލިސްޓުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުންނެވެ. އެއިން ކޮންމެ ސްޕެޝަލިޓީއަކުން ފަސް ޑޮކްޓަރުން ބޭނުންވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ބޭނުންވާ ޑޮކްޓަރުން

- ޕީޑިއަޓްރިޝަން
- އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން
-އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ހޭނައްތުމަށް ހާއްސަ ޑޮކްޓަރުން.
- ކަށީގެ އޮޕަރޭޝަން ޑޮކްޓަރުން.
- އާއްމު ސާޖަރީތަކަށް ހާއްސަ ޑޮކްޓަރުން.
- ރޭޑިއޮލޮޖިސްޓުން.

ނަރުހުންގެ ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ އެންމެ ދަށް ޝަރުޠުތަކަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ފާއިތުވި 2 އަހަރުގެ ތެރޭގައި 150 އެނދު ނުވަތަ އެއަށްވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކިއޭޓްރީ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި އުމުރުން 35 އަހަރުން ދަށް ނަމަ އިސްކަންދޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ފަހު ރިޒާވްގައި ބައެއް ޑޮކްޓަރުން ބައިތިއްބާނެ ކަމަށެވެ. އޭގެ ސަބަބުން އެހެން ތަނަކަށް ބޭނުންވުމުން ވަގުތުން ޑޮކްޓަރުންނާއި ނަރުހުން ފޮނުވާލެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.