ޚަބަރު

ޤައުމުގެ ކުރިއެރުމަށް ދިވެހި ޑޮކްޓަރުންގެ ޚިދުމަތް މުހިންމު: ވަޒީރު ނާޡިމް


  • މިއަދަކީ ދިވެހި ޑޮކްޓަރުންގެ ދުވަސް

  • މާޒީއާއި މިހާރުގެ ޑޮކްޓަރުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރަންޖެހޭކަމަށް ވިދާޅުވި

ދިވެހި ޑޮކްޓަރުންގެ ޚިދުމަތް ޤައުމުގެ ކުރިއެރުމަށް ވަރަށް މުހިންމުކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ ޑޮކްޓަރުންގެ ދުވަހަކީ ޞިއްހީ ދާއިރާގެ ކުރިއެރުމަށް މާޒީއާއި މިހާރުގެ ޑޮކްޓަރުންކުރައްވާ މަސައްކަތް އަގުވަޒަންކުރުމުގެ ދުވަހެއް ކަމަށެވެ. އަދި މިހާރު ޒަމާނީ ވަޞީލަތްތަކާއި ޒަމާނީ ކުރިއެރުންތަކާއެކު ޑޮކްޓަރުން ޚިދުމަތްކުރައްވާއިރު، އެއީޤައުމުގެ ކުރިއެރުމަށް މުހިންމު ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޑޮކްޓަރުންކުރައްވާ ޤައުމީ ބުރަ ޚިދުމަތަށް ޝުކުރުދަންނަވާފައެވެ.

ކޮންމެ އަހަރަކުވެސް ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އެކި ސަރޖަރީތައް ކުރުމަށާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ދިވެހި ޑޮކްޓަރުން ތަމްރީންކުރެއްވުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެެވެ.