ޚަބަރު

"އޭޝިއާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ މެޑަލް ހޯދޭނެވަރުގެ މުބާރާތެއް"


އޭޝިއާ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ދިވެހި އެތުލީޓުންގެ ޕާފޯމެންސަށް ބަލާއިރު ހިތްހަމަޖެހޭ ކަމަށާއި، މި މުބާރާތަކީ ދުރާލާ މެޑަލްއަށް ޓާގެޓްކޮށްގެން ތައްޔާރުވެވިއްޖެނަމަ އެކަން ހާސިލްކުރެވޭނެ ވަރުގެ މުބާރާތެއްކަން އެނގިއްޖެ ކަމަށް، ރާއްޖޭގެ ޓީމާއެކު ދައްމާމަށް ދިޔަ ކޯޗު އަބުދުﷲ އިބްރާހިމް ބުނެފިއެވެ.

ދަންމާމުގައި އޭޕްރީލް 15-19 އަށް ކުރިޔަށްދިޔަ އޭޝިއާ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުން ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވާއިރު، ޕީއެސްއެމް ނިއުސްއާއި، މުބާރާތުގެ ތަޖްރިބާ ހިއްސާކުރަމުން ކޯޗު އަބުދުﷲ ބުނީ އެ މުބާރާތުގެ އެހެން ގައުމުތަކުގެ ބައިވެރިންނާއި އަޅާކިޔާއިރު ރާއްޖޭގެ ދުވުންތެރިންގެ ޓައިމިންގވެސް ރަނގަޅު ކަމަށެވެ. އަދި ރާއްޖޭގެ އެތުލީޓުންނާއި ވާދަކުރާނެ އެތުލީޓުންތަކެއް އުފެދެން ޖެހޭ ކަމަށާއި، މިފަދަ ބައިނަލްއަގްވާމީ މުބާރާތްތަކަށް ދާއިރު އެ ކުދިންނަށް މަދުވަނީ ވާދަކުރުމުގެ ތަޖްރިބާ ކަމަށް ކޯޗު ބުންޏެވެ.

"ކޮމްޕެޓިޓާސް އެބަ އުފެދެންޖެހޭ، އެކުދިންނާ ވާދަކުރާވަރުގެ ކުދިން ރާއްޖޭގައި އެބަތިބެން ޖެހޭ. ރާއްޖޭގައި ބާއްވާ މުބާރާތްތަކަކީ ވާދަވެރި މުބާރާތްތަކަށް ވެގެން އަޅުގަނޑުމެންނަށް މީތި ހާސިލް ކުރެވޭނީ. އަޅުގަނޑުމެން ރާއްޖޭން ބޭރަށްގޮސް ކުދިން ވާދަކުރާއިރު މިކުދިންގެ މަދުވަނީ ވާދަކުރުމުގެ އެކްސްޕީރިއަންސް" ކަމަށް ކޯޗު ބުންޏެވެ.

މި މުބާރާތުގައި 18 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އާކުރި ޒީކް އަޝްރަފް ރަޝީދު ބުނީ ރިކޯޑް އާކުރެވުމުން ވަރަށް އުފާވި ކަމަށާއި، ކުރިޔަށް އޮތް މުބާރާތަކުން މެޑަލެއް ނެގޭވަރުވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

އޭޝިއާ 18 އަހަރުންދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހައިޖަމްޕްގެ ރެކޯޑް އައުކުރި ޔޫސުފް ނާއިކް ވަޖީހް ބުނީ އޭނާ މި މުބާރާތަށް ދިޔައީވެސް އެ އުންމީދުގައި ކަމަށާއި، ހީކުރިވަރުގެ ނަތީޖާއެއް މުބާރާތުން ހޯދުނު ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ޓްރޭނިން ހަދާނެ ކަމަށާއި، މިފަހަރުގެ މުބާރާތަށް ކޯޗުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނީތީ ޝުކުރުއަދާ ކުރާ ކަމަށެވެ.

ދަންމާމުގައި އޮތް އޭޝިއާ އެތުލެޓިކްސް ޗެމްޕިއަންޝީޕްގައި ނާއިކް ވަނީ 1.84 މީޓަރަށް ފުންމައިގެން ހައިޖަމްޕްގެ ރެކޯޑް އައުކޮށްފައެވެ.

މިމުބާރާތުގައި 100 މީޓަރު އަދި 200 މީޓަރު ދުވުމުގައި ބައިވެރިވި އަހުނަފު ބުނީ ރާއްޖެ ތަމްސީލުކުރަން ލިބުމުން ވަރަށް އުފާވި ކަމަށާއި، ވަރަށް ކުރިންސުރެ ކަނޑައެޅި ޓާގެޓް މި މުބާރާތުން ހާސިލްވިކަމަށެވެ.

މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވި ރަޔަން މުހައްމަދު ވާދަކުރީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. އޭނާ ބުނީ މީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، އެހެން ގައުމުތަކުގެ ކުދިންގެ ސްޕީޑް އެނގި ކުރިޔަށް އޮތްތަނުގައި އިތުރަށް ޓްރެއިންވުމަށް ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ރާއްޖޭން ވާދަކުރި އަމިނަތު ލުހުޔާ އަހުމަދު ބުނީ މުބާރާތަށް ދިޔައީ 6 މަސްދުވަހުގެ ޓްރޭނިންއަކަށްފަހުގައި ކަމަށާއި، އުންމީދު ކުރި ވަރަށްވުރެ ރަނގަޅަށް ޕާފޯމް ކުރެވުނު ކަމަށެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމު ދަންމާމުގައި ހޯދި ނަތީޖާއާމެދު ކޯޗުން ހިތްހަމަޖެހޭއިރު ހުރިހާ އެތުލީޓުންގެ އަމާޒަކީވެސް ކުރިޔަށް ހުރި މުބާރާތްތަކަށް މިހާރަށްވުރެ ބޮޑަށް ފަރިތަކުރުންތައް ބާއްވާ މެޑަލެއް ލިބޭ ވަރަށް ތައްޔާރުވުމެވެ.

މިއަހަރަށް އެތުލެޓިކްސް އެސޯސިއޭޝަނުން އެކުލަވާލި ކަލަންޑަރުގައިވާގޮތުން ރާއްޖޭން ބައިނަލްއަގުވާމީ 11 މުބާރާތެއްގައި ބައިވެރިވާނެއެވެ. ދެން އެންމެ އަވަހަށް ރާއްޖޭން ބައިވެރިވާނީ މޭމަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައެވެ.