މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ 3 މަޤާމެއް މިވަގުތު ވަނީ ހުސްވެފައެވެ. އެއީ އާންމު މެންބަރަކާއި، މީޑީއާތައް ތަމްސީލުކުރާ 2 މެންބަރުންގެ މަޤާމެވެ. މި 3 މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ ބައިއިލެކްޝަންގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ.
މި އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރިޔާއަށް ނުވަތަ މަސްއޫލުވެރިޔާ ތަމްސީލު ކުރާ މީހަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 1 މީޑީއާ އަށްވުރެ ގިނަ މީޑީއާ ތަމްސީލް ނުކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް އެދޭ ފޯމް ބަލައިގަންނާނީ، މި މަހުގެ 21-27 އަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 13:30 އަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގެ ރިސެޕްޝަނުންނެވެ.
އަދި އެ ވުޒާރާގެ އީމެއިލް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައި ކަމަށާއި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ ވުޒާރާގެ ނަންބަރު 4000419 އާ ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.