އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ލީގުގެ ދެވަނަ ބުރުގައި މި ދެޓީމް ކުޅުނު ފުރަތަމަ މެޗް އެއްވަރުވީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ކްލަބް އީގަލްސްއިންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު އީގަލްސްއަށް ޖަހައިދިނީ އެޓީމާއި އަލަށް ގުޅުނު ފޯވާޑް ރިސްތޭ ނައުމޯފްއެވެ. މިއީ ރިސްތޭ އީގަލްސްއަށް ކުޅެދިން ފުރަތަމަ މެޗްކަން ފާހަގަކޮށްލެވެއެވެ.
މެޗުގައި ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަކުރީ މެޗްގެ ދެވަނަ ހާފްގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް ސަފްރާޒެވެ.މީ އޭނާ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
މިރޭގެ މެޗުން ލިބުނު ޕޮއިންޓާއިއެކު އީގަލްސް އަދިވެސް އޮތީ ލީގް ތާވަލްގެ ދެވަނާގައެވެ. އީގަލްސްއަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގް ތާވަލްގެ ތިންވަނާގައެވެ.