ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޖޫނިއަރ ޓީޓީ ޓީމް ހޯދި ކާމިޔާބާއިއެކު ޓީޓީގެ މުސްތަގްބަލް އުޖާލާވާނެކަން އެނގިގެން ހިނގައްޖެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޖޫނިއަރ ޓީޓީ ޓީމް މިއަދު ހެނދުނު މާލެ އައިސްފައިވާއިރު، މިއީ ޓޭބަލް ޓެނިހުގައި މިހާތަނަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީކަމަށް އަލީ ރަޝިދު ވިދާޅުވިއެވެ.
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ޖޫނިއަރ ޓީޓީ ޓީމް މި ހޯދި ކާމިޔާބަކީ ޓީޓީގެ މުސްތަޤްބަލް އޮތްކަން ސާބިތުކޮށްދޭކަމެއްކަމަށާއި، ޖޫނިއަރ ކުޅުންތެރިންގެ ފަރާތުން މުބާރާތުގައި ފެނިގެންދިޔަ ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ޖޫނިއަރ ފިރިހެން ޓީމުގައި ތިބީ މުޅިން އާ ކުޅުންތެރިންކަމަށާއި، އެ ކުޅުންތެރިންނަށް މި ލިބުނު ކާމިޔާބަކީ ކުރިއަށްދާން ލިބޭނެ ހިތްވަރެއްކަމަށެވެ.
"މިފަހަރުގެ ޓީމުގައި އާ ކުޅުންތެރިންވެސް އެބަތިބި، އެހެންނަމަވެސް ވަރަށް ރަނގަޅު ކުޅުމެއް ފެނުނު، މި ކާމިޔާބީއާއިއެކު ޓީޓީގެ މުސްތަގްބަލް އޮތްކަން ސާބިތުކޮށްދެވިއްޖެ" އަލީ ރަޝީދު ވިދާޅުވިއެވެ.
މުބާރާތުން 4 މެޑަލް ހޯދި އަންހެން އަދި ފިރިހެން ޓީޓީ ޓީމަށް މަރުޚަބާ ދެންނެވީ، ޔޫތު މިނިސްޓަރުގެ ނައިބު ޝާހު އިސްމާއިލް އަދި ސްޕޯޓްސް ކޮމިޝަނަރ އަޙުމަދު ނަޝީދެވެ.
ޖޫނިއާރ ޤައުމީ އަންހެން ޓީޓީ ޓީމްގެ އައިޝަތު ރަފާ ބުނީ މި ކާމިޔާބީއަކީ ސީނިއާ ކެރިއަރގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްކަމަށާއި، ތިން ކެޓަގަރީން މެޑަލް ލިބުމުން ވަރަށް އުފާވެއްޖެކަމަށެވެ. އަދި ޖޫނިއަރ ލެވެލްގައި މިކަހަލަ މުބާރާތްތަކުގައި ވާދަކޮށް ގިނަ މެޗުތަކެއް ކުޅެން ލިބުމަކީ ޓީޓީގައި ކުރިއަށްދާން ލިބޭ ބޮޑު ތަޖުރިބާއެއްކަމަށެވެ.
"ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވެނީ މިކަހަލަ ކާމިޔާބެއް ލިބުނީމަ. މިކަހަލަ މުބާރާތްތަކުގެ ތަޖުރިބާއަކީ ޓީޓީގައި ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ސީނިއަރ އަންހެން ޓީމުގައިވެސް ހިމެނޭ އުންމީދީ ކުޅުންތެރިޔާ ބުންޏެވެ.
ޤައުމީ ޖޫނިއަރ އަންހެން ޓީޓީ ޓީމް ސައުތު އޭޝިއަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 18 އަހަރުން ދަށުގެ ބައިން ރިހި މެޑަލް ހޯދިއިރު، 15 އަހަރުން ދަށުގެ ބައިކަމަށްވާ ކެޑޭޓް ކެޓަގެރީން އެޓީމްވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި އަންހެން ޓީމްގެ 2 ކުޅުންތެރިންކަމަށްވާ އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲގެ ޕެއަރ ވަނީ ޑަބަލްސް ކެޓަގަރީން ރިހި މެޑަލްވެސް ހޯދާފައެވެ. މުބާރާތުގައި ވާދަކުރި ޖޫނިއަރ ފިރިހެން ޓީޓީ ޓީމްވަނީ 18 އަހަރުން ދަށުގެ ބައިން ލޯ މެޑަލް ހޯދާފައެވެ.
ޕާކިސްތާންގެ ވެރިރަށް ކަރާޗީގައި މިމަހުގެ 15 އިން 16 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރި ޖޫނިއަން އަންހެން ޓީޓީ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުﷲ އަދި އައިމިނަތު މަލީޝާ މުއާޒެވެ. މި މުބާރާތުގައި ވާދަކުރި ޖޫނިއަރ ފިރިހެން ޓީޓީ ޓީމްގައި ހިމެނުނު 3 ކުޅުންތެރިންނަކީ މުޙައްމަދު ޝައްފާން، ނިބްރާސް މުޙައްމަދު ޝަފީގް އަދި އަޙުމަދު ޒައިދާން މުޙައްމަދެވެ.