ޚަބަރު

ކަމަވިންގާއަށް އަނިޔާވެ އޭނާއަށް ސީޒަން ނިމިއްޖެ


ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ އެޑުއާޑޯ ކަމަވިންގާއަށް އަނިޔާވެ އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ފްރާންސް ކަމަވިންގާއަށް އަނިޔާ ވެފައިވަނީ ސްޕެނިޝް ލަލީގާގައި މި ހަފްތާގައި ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމާއި ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ކަމަވިންގާގެ ވާއަތު ފައިގެ މަސްގަނޑު ވަނީ އިރައިގެން ގޮސްފަ އެވެ.

އަދި މި އަނިޔާގެ ސަބަބުން އޭނާއަށް ދެން އެންމެ އަވަހަށްވެސް ކުޅެވޭނީ ތިން މަސް ދުވަސް ފަހުން ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކަމަވިންގާ ވަނީ ރެއާލް މެޑްރިޑަށް 34 މެޗު ކުޅެދީފަ އެވެ.

ކަމަވިންގާއަށް ލިބުނު އަނިޔާގެ ސަބަބުން ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ކޯޗު އެންޗެލޮއްޓީއަށް ވަނީ އިތުރު ހާސްކަމަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ކިލިއަން އެމްބާޕޭ އާއި ފާރލަންޑް މެންޑީގެ އިތުރުން ޑޭވިޑް އަލާބާއަށް ވެސް ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ލަލީގާގެ ދެވަނައިގައި މިވަގުތު ރެއާލް މެޑްރިޑް އޮތީ ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓު މަދުން ލިބިގެންނެވެ.

ކަމަވިންގާގެ އަނިޔާގެ ސަބަބުން އަންނަ ޖޫން މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގައި އޭނާއަށް ނުކުޅެވޭނެ އެވެ.