ޚަބަރު

ޑރ. ޞަލާޙުލް ބުދައިރު، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި


  • ޑރ. ޞަލާޙުލްބުދައިރުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި

  • ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދުކުރެއްވި

  • އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދެއްވިއިރު، މިއަދު މަރުކަޒުގައި ހުކުރުކުރެއްވި

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ކީރިތި ރަސުލާ ﷺ ގެ މިސްކިތް، މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގެ ފުންނާބު އުސް ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަަޢުވަތެއްގައި މިދިޔަ ހޯމަ ދުވަހުއެވެ.

ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަވެސް ބައްދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެވެ. ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާވެސް ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ އިމާމް ބައްދަލުކުރެއްވިއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ އިމާމް ބައްދަލުކުރެއްވިއެވެ.

ޑރ. ޞަލާޙުލް ބުދައިރު ވަނީ 800 އަށްވުރެ ގިނަ ދުވަސްވެފައިވާ މާލޭ ހުކުރު މިސްކިތަށްވެސް ޒިޔާރަތްކުރައްވާފައެވެ. ނަބަވީގެ އިމާމުގެ މި ދަތުރުފުޅުގައި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވިއެވެ. އަދި އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދެއްވާފާވާއިރު، މަރުކަޒުގައި މިއަދު ހުކުރު ކުރެއްވީވެސް ޑރ. ޞަލާޙުލް ބުދައިރެވެ.

މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއިވެސް ޑރ. ބުދައިރު ބައްދަލުކުރައްވާފައިވާއިރު، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.

އިމާމް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅު ފާހަގަކުރައްވައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި އެކަން އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ.

40 އަހަރަށްފަހު މާތްވެގެންވާ 2 ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެ ވަޑައިގަތުމަކީ ދިވެހިންނަށް ލިބޭ ބޮޑު އުފަލަކާއި ޝަރަފެކެވެ.