ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، ބޭންކުގެ ކާމިޔާބީތަކުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑުކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދ މެނޭޖންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ކްރޮސްރޯޑްސްގައި ބޭއްވި ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ އަދ މެނޭޖންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މުވައްޒަފުންގެ ހިތްވަރާއި، އުފެއްދުންތެރިކަމާއި، ސާބިތު އަޒުމަކީ ބޭންކުގެ ކާމިޔާބީގެ ބިންގާކަމަށެވެ. އެގޮތުން ބޭންކުގެ ކާމިޔާބީތަކުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑުކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން. ތިޔަ މުވައްޒަފުންގެ ހިތްވަރާއި، އުފެއްދުންތެރިކަމާއި، ސާބިތު އަޒުމަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ. ވޭތުވެދިޔަ އަހަރެއްހާދުވަސް ތެރޭގައި ޕްރޮފެޝަނަލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމްތަކާއި، މުވައްޒަފުންގެ އެކި ބޭންކުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ވަނީ ތަޢާރަފްކޮށްފައި. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށްވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ޤާއިމްކުރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން". މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި ވޭތުވެދިޔަ 1 އަހަރުތެރޭގައި އެންމެެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފައިވެއެވެ. މި ހަފްލާގައި ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތް ކުރި މުވައްޒަފުންގެ ޓީމްތަކަށާއި، ބެސްޓް ޑިވިޝަނަލް އެމްޕްލޯއީއާއި، އިމާޖިންގ ބެލެންޓް، ކަސްޓަމަރސަރވިސް އެކްސެލެންސް އަދި އައުޓްސްޓޭޑިންގ ޓީމް އެޗީވްމަންޓް ޕްރޮޖެކްޓް އެކްސެލެންސްގެ އިތުރުން އިނޮވޭޝަން ކެޓަލިސްޓް ފަދަ ގިންތިތަކުން އެވޯޑުތައް ވަނީ ދީފައެވެ.
މިއަހަރުގެ ސްޓާފް އެވޯޑްސްގައި އެމްޕްލޯއީ އޮފް ދަ އިޔަރގެ ޝަރަފުވެރި އެވޯޑު ހޯދާފައިވަނީ ޑިރެކްޓަރ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް ހުޒާތް ޢަލީއެވެ. އަދި ސީއީއޯ އެވޯޑްފޯ އައުޓްސްޓޭންޑިންގް އެޗީވްމަންޓް އެވޯޑް ، ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއެންސް ހުސައިން ރަޝީދާއި، ހެޑް އޮފް ޕްރިމިއަމް ބެންކިންގް އަބްދުﷲ ސޮބާހް ހޯދާފައިވާއިރު، ލީޑަރޝިޕް އެކްސެލެންްސް އެވޯޑު ހޯދާފައިވަނީ، އިން ޗާޖް އޮފް ޑިޖިޓަލް ޓެކްނޮލޮޖީ ޑިވިޝަން، ސާވީ ފަތުހުﷲއެވެ.
މި އެވޯޑުތައް މުވައްޒަފުންނާ ޙަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނެވެ.