ތުރުކީގެ ވެރިކަން ވައްޓާލުމަށް ހިންގި ބަޣާވާތް ނާކާމިޔާބުވުމާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރުދުޣާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި، ޑިމޮކްރަސީގެ ހަމަތައް ނެތިކޮށްލަން ކުރާ އެންމެހާ މަސައްކަތާއި، ބަޣާވާތުގެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންކަން ކަމުގައި ވިދާޅުވެ، މިދަނޑިވަޅުގައި ރާއްޖެއިން ތުރުކީ ސަރުކާރާއެކު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ މެސެޖްގައި، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ޤާއިމްކުރެވިފައިވާ ވެރިކަމެއް، ޤާނޫނު އަސާސީއާ ޚިލާފަށް ބަޣާވާތެއް ހިންގައިގެން ވައްޓާލުމަށް މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރަސީގެ ހަމަތަކަށް ޢަމަލުކުރާ މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް ނޯންނާނެކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުރުކީގެ ރައީސް 2003 ވަނަ އަހަރު ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގަތުމަކީ، އެމަނިކުފާނުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ތަރައްޤީއަށާއި، މެދުމިނުގެ ސިޔާސަތައް ތާއީދުކުރުމަށާއި، ޑިމޮކްރަސީގެ އުޞޫލުތަކާއި ހަމަތައް ހިފެހެއްޓުމަށް، އަދި އިންސާފުގެ މަގުގައި ދެމިތިބުމަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، 2005 ވަނަ އަހަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ރާއްޖެ ވަޑައިގަތް ތާރީޚީ ދަތުރުފުޅުގެ މަތިން ދިވެހިން ހަނދާން ހުންނަކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީގެ ދެމެދުގައިވާ ޒަމާންވީ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ތުރުކީގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
މި ޖުލައިމަހުގެ 14 ވަނަ ދުވަހު ތުރުކީގެ އަސްކަރީ ގްރޫޕަކުން އެޤައުމަށް ގެންނަން އުޅުނު ބަޣާވާތުގައި ޢާންމުންނާއި ބަޣާވާތުގައި ބައިވެރިވި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ނުވަދިހައަށްވުރެ ގިނަމީހުން މަރުވެ، އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެތެރޭގައި ޢާންމުންގެ 47 މީހަކުވެސް ހިމެނެއެވެ.