ޚަބަރު

ކޮމިޝަނަށް ސުވާލު ނުކުރެވޭނެ މީހެއް، ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ: ރައީސް


  • ރައީސް ވިދާޅުވީ މިއީ ޤާނޫނުގައި އޮންނަގޮތަށް ވަރަށް ގިނަ ބޮޑެތި ބާރުތަކެއް ދީގެން އުފެއްދެވި ކޮމިޝަނެއްކަމަށް

  • ބޭރު ޤައުމުން އެހީ ހޯދަންވިއަސް އެކަން ކުރުމުގެ ބާރު ދީފައި ކޮމިޝަން އުފެއްދީ

ޚާއްސަ ކޮމިޝަން އުފެއްދެވީ ބޮޑެތި ބާރުކަތަކާއެކުކަމަށާއި މައްސަލައިގެ ތަޙުޤީގުގައި ސުވާލު ނުކުރެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ބެލުމަށްޓަކާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކީ ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން އުފައްދަވާފައިވާ ކޮމިޝަނެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ޕީއެސްއެމް ނިއުސް ދެއްވި އިންޓަވިއުގައެވެ. ރައީސް ވިދާޅުވީ މިއީ ޤާނޫނުގައި އޮންނަގޮތަށް ވަރަށް ގިނަ ބޮޑެތި ބާރުތަކެއް ދީގެން އުފެއްދެވި ކޮމިޝަނެއްކަމަށެވެ. ކޮމިޝަންގެ މަސައްކަތްތުގައި އެއްވެސް ދިމާލަކުން ހަޤީގަތް ހޯދުމުގައި އެއްވެސް ކަހަލަ ހުރަހެއް ކުރިމަތި ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި މި މައްސަލަ ތަޙުޤީގުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ވަރަށް އިންސާފުވެރިކަމާއެކު، ވަކި އަތަކަށް ނުޖެހިކަމަށެވެ.

"ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ. ބޭރު ޤައުމުން އެހީ ހޯދަންވިއަސް އެކަން ކުރުމުގެ ބާރު ދީފައި ކޮމިޝަން އުފެއްދީ. ބޮޑެތި ބާރުތަކާ އޮތޯރިޓީއާއެކު ކޮމިޝަން އުފެއްދީ. ކޮމިޝަންގެ މަސައްކަތްތަކާއެކު މައްސަލައިގެ ހޯދުންތައް ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމިޝަން އެކުލަވާލިނަމަވެސް، މި މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަޙުޤީގު ކުރިއަށްދާނެކަމަށެވެ. މިފަދަ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވަނީ ދެފުށްފެންނަ، ޒިންމާދާރު ނިޒާމެއްގެ ތެރެއިން މައްސަލަ ބަލަން ބޭނުންވާތީކަމަށެވެ. މި މައްސަލައިގައި ރައްޔިތުންނާ ޒުވާނުން ކުރަމުންދާ ކޮންމެ ސުވާލަކީ ޖަވާބު ލިބެންޖެހޭ ސުވާލުތައްކަމަށާއި، އެންމެ މުހިންމީ ޤައުމުގައި އިންސާފާއި އަދާލަތު ޤާއިމުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، އަދި ޑޮކްޓަރ މުޙައްމަދު ޙަބީބު، އެވެ.

ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައަކީ މިމަހުގެ 18ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ބޮޑެތި ޒަޙަމުތައް ލިބިފައިވާ 21 އަހަރުގެ ހައްވާ ޔުމްނު އިތުރު ފަރުވާއަށް މިހާރުވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ.