ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގަންނަވައިފިއެވެ.
މިއީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެމަނިކުފާނު އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ވަޑައިގެންނެވެމުން ކުއަަލަލަންޕޫރު އިންޓަރނޭޝަނަން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެގައުމުގެ ސިއްޙީ ވަޒީރު ޑރ. ހާޖީ ޛުލްކިފްލީ އަހުމަދާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ. އަދި ދިވެހިރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މިބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މެލޭޝިއާގައި އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނެ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މެލޭޝިއާއާދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ، އެފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މެލޭޝިއާގެ ސަރުކާރުގެ ފަރާތުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމުވެސް މި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމާއި، ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަޙަތުތައް ދެނެގަތުމަކީ ރައީސުލްޖުމްހޫރިއްތާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.