ޕީ.އެސް.އެމް ނިއުސްގެ 8ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޕީ.އެސް.އެމް ނިއުސް އެވޯޑް 2025 ބާއްވަން ނިންމައިފިއެވެ. މިއީ ޕީ.އެސް.އެމް ނިއުސްގެ ތާރީޚުގައިވެސް ބާއްވާ ފުރަތަމަ އެވޯޑު ޝޯވ އެވެ.
މި އެވޯޑް ޝޯ އޮންނާނީ ޕީ.އެސް.އެމް ނިއުސް އަށް 8 އަހަރުފުރޭ ދުވަސް ކަމަށްވާ 3 މެއި ގައެވެ. ޕީ.އެސް.އެމް ނިއުސްގެ 7ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް ނިއުސް އެވޯޑް ވަނީ އިފްތިތާހު ކޮށްފައެވެ. އެވޯޑް ޝޯ އިފްތިތާހު ކޮށްދެއްވީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމިން ރަޝީދުއެވެ.
މުޅި ޖުމުލަ 19 ދާއިރާއަކުން މި އެވޯޑް ޝޯގައި އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބެސްޓު ނިއުސް އެންކަރ އަދި ބެސްޓު ނިއުސް ޕްރެސެންޓަރ ހޮވުމަށް މިހާރު ވަނީ ޕީ.އެސް.އެމް އެއަރގެ ތެރެއިން ހުޅުވާލާފައެވެ. މި އެވޯޑް ޝޯ ބޭއްވުމުގެ ބޭނުމަކީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމާއި، މުވައްޒަފުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް އެވޯޑް ޝޯވ އިންތިޒާމުކުރާ ޓީމުން ފާހަގަކުރެއެވެ.
ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ޕީ.އެސް.އެމް ނިއުސްގެ އަހަރީ ދުވަހު ތާފަތު ކޮންޓެންޓުތައް ގެނެސްދިނުމަށް ނިއުސް ޓީމުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ބެލުންތެރިންނާ ހަމައަށް ވަގުތުން އެއިރެއްގެ އެންމެ ތާޒާ ޚަބަރުތައް ގެނެސްދިނުމަކީ ޕީއެސްއެމް ނިއުސްގެ އެންމެ މުހިންމު އަމާޒެއެވެ. އެގޮތުން ރާއްޖޭގެ ޚަބަރުތަކާއި، ކުޅިވަރާއި ވިޔަފާރި ޚަބަރުތަކާއި ބޭރު ދުނިޔޭގެ ޚަބަރުތައް ދިވެހި ބަހުންނާއި އިނގިރޭސިބަހުން އަންނަނީ ގެނެސްދެމުންނެވެ.
ކަރަންޓް އެފެއާޒް ޕްރޮގްރާމްތައްވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ގެނެސްދެމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ އެކިއެކި މަސައްކަތްތައް ހިމަނައިގެން ގެންނަ ޕްރޮގްރާމްތަކާއި، ވިޔަފާރިއަށް ޚާއްސަ ޕްރޮގްރާމްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ޚާއްސަކޮށް ގެންނަ ޕްރޮގްރާމުތަކުގެ އިތުރުން ކުޅިވަރަށް ޚާއްސަކޮށްގެންވެސް ކޮންމެ ހަފްތާއަކުވެސް އަންނަނީ ޚާއްސަ ޕްރޮގްރާމްތައް ގެނެސްދެމުންނެވެ.
މީގެ އިތުރުން ރާއްޖެއާ ބޭރުގެ އެކި ޤައުމުތަކާއި އެކި ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމްތައް އަންނަނީ ގެނެސްދެމުންނެވެ.
ޕީ.އެސް.އެމް ނިއުސް ވުޖޫދުވީ 2017 ވަނަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. ވަކި ޗެނަލެއްގެ ގޮތުގައި ޕީއެސްއެމް ނިއުސް އުފަންވި ނަމަވެސް ޕީ.އެސް.އެމްގެ، ނިއުސް ޓީމަކީ ރާއްޖޭގައި މިހާތަނަށް އޮތް އެންމެ ދުވަސްވީ ނިއުސްޓީމެވެ. އަދި ޕީ.އެސް.އެމް ނިއުސް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރުގެ ޚަބަރާއި މަޢުލޫމާތައް ޚާއްސަކޮށް ވުޖޫދުވި ހަމައެކަނި ނިއުސް ޗެނަލްވެސް މެއެވެ.