ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވި ގޮތުގައި މި ސިނގިރޭޓު އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން، އެ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވިދާޅުވިއެވެ.
ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.
ކަސްޓަމްސް އިން ވިދާޅުވިގޮތުގައި އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިޔަން ސިނގިރޭޓަށް 122 މިލިޔަން ރުފިޔާ އަރާނެއެވެ.
ރާއްޖެއަށް ދުންފަތް އެތެރެކުރުމަށާއި ވިއްކުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގައި އޭގެ ނުރައްކާ އަންގައިދޭ ފޮޓޯއާއި ލޭބަލް ޖެހުމަކީ މަޖުބޫރު ކަމެކެވެ.