ޚަބަރު

އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމަކީ ލިބިވަޑައިގެންނެވި ފަޚުރަކާއި ޝަރަފެއް: ރައީސް


  • އޮނަރަރީ ޑޮކްޓަރޭޓް އެރުވިކަމަށްޓަކައި އެޔުނިވަރސިޓީއަށް ރައީސް ޝުކުރުއަދާކުރެއްވި

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް"ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީ އެރުވުމަކީ ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއްކަން ފާހަގަކޮށް އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޔުނިވަރސިޓީއަށް ޝުކުރު އަދާކުރައްވައިފިއެވެ.

މި އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި އެޔުނިވަރސިޓީގެ މިއަހަރުގެ ޚާއްސަ ކޮންވޮކޭޝަންގައެވެ.

މިކަމާއި ގުޅިގެން ސޯޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮނަރަރީ ޑޮކްޓަރޭޓް އެރުވިކަމަށްޓަކައި އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން، ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާއަށާއި އެޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން އެޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ތަޤުރީރު ކުރެއްވުމަށް ދެއްވި ފުރުސަތަކީވެސް ލިބިވަޑައިގެންނެވި ޝަރަފެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުއެވެ.