ކުޅިވަރު

ފިޔަވަޅު އެޅީ ހެޔޮނިޔަތުގައި، ކުޅުންތެރިންގެ ހައްގުގައި: ޠަލާލް


ބެޑްމިންޓް އެސޯސިއޭޝަން ދީފަވާ ގައުމީ ހައިސިއްޔަތު އުވާލާ އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އެޅީ ހެޔޮނިޔަތުގައި ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ ޠަލާލް ވިދާޅުވީ އިންތިހާބު ނުބޭއްވި ދިޔުމުގެ ސަބަބުން ބެޑްމިންޓަނަށް ލިބެމުން ދިޔަ ގެއްލުމުގެ ޝަކުވާ ބެޑްމިންޓަން ކުޅުންތެރިންނާ މުޅި ކޮމިއުނިޓީ ކުރަމުންދިޔަކަމަށެވެ.

ޠަލާލް ވދާޅުވީ ފިޔަވަޅު އެޅީ ކުޅިވަރާ ބެހޭ ގާނޫނާ ގަވާއިދުގެ ދަށުން ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބެދޭ ބާރުގެ ދަށުންކަމަށެވެ. އަދި މި ފިޔަވަޅު އެޅިގެން ދިޔައީ ރަނގަޅަށް ކަމަށާއި މީގެ ސަބަބުން ބެޑްމިންޓަން އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ޠަލާލް ވިދާޅުވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ މިހިސާބަށް ދިޔައީ އެއްވެސް އިރެއްގައި ފިޔަވަޅު އެޅިފަ ނުވާތީކަމަށް ޠަލާލް ވިދާޅުވިއެވެ. މީގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ވާގޮތުން އެ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރެއް ގޮތުގައި ކަނޑައެޅޭ އުސޫލަކީ ރާއްޖޭގެ ގާނޫނާ ގަވާއިދު ފުށޫ އަރާ އުސޫލެއް ކަމަށާއި އެކަން އިސްލާހު ނުކުރެވި ވަރަށް ގިނަދުވަސް ފާއިތުވެގެންދިޔަ ކަމަށް ޠަލާލް ވިދާޅުވިއެވެ.

" އަޅުގަނޑު މީގެ ކުރިންވެސް ދަންނަވާލިން އަޅުގަނޑު މަގާމާ ހަވާލުވެފަ އެންމެ ފުރަތަމަ ވެސް ބެލީ ހުރިހާ އެސޯސިއޭޝަނެއްގެ ގަވާއިދުތައް ހުރީ ރާއްޖޭގެ ގާނޫނާ ގަވާއިދާ އެއްގޮތައްތޯ" ޠަލާލް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުތަކަށް އެސޯސިއޭޝަން ތަކުން ހަދާފަ ހުރި ގަވާއިދުތައް ފެތޭތޯ ބެއްލެވުމައްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ގަވާއިދުތަކަށް ކަމަވެސް ޠަލާލް ވިދާޅުވިއެވެ. އެހެން ކަމުން އެ ދެކަންތައް ވެސް އެސޯސިއޭޝަންތަކުގެ ގަވާއިދުތަކުގެ ތެރޭގެ ހިމެނެން ޖެހޭ ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އެސޯސިއޭޝަނާއެކު މަޝްވަރާ ކުރެވުނު ނަމަވެސް އެކަށީގެންވާ ހައްލެ ނުހޯދުނުކަމަށް ޠަލާލް ވިދާޅުވިއެވެ.

"އެކަން ހައްލުކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަންއާ އެކު މަޝްވަރާކުރެވި، އެކި ބައްދަލުވުންތަކުގައި ވާހަކަދެކެވި، ސިޓީ އެއްޗެހި ފޮނުވިފަ ހުންނާނީ." ޠަލާލް ވިދާޅުވީއެވެ.

ޠަލާލް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަނުން ސާބިތުކޮއްދެމުން ދިޔައީ ހިންގާ ގަވާއިދުގައި ހިމެނޭ ފުރިހަމަ މެންބަރުންގެގޮތުގައި ލިޔެވިފައޮތް ބަޔަކީ ބައިނަލްއަގުވާމީ ޖަމިއްޔާގެ އުސޫލުތަކާ އެއްގޮތައް ހިމެނެފައި އޮތް ބަޔެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ މައުލޫމާތު ކޮމިޝަނުން ބެލިބެލުމުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފާހަގަނުވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނަށް ހިންގާ ގަވާއިދު އިސްލާހު ކުރުމަށްފަހު ވިދިގެންއައި އަހަރު އިންތިހާބު ބާއްވަން ފުރުސަތުދެއްވި ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުގޮސް އިންތިހާބުވެސް ނުބޭއްވި ދިޔަކަން ޠަލާލް ފާހަގަކުރެއްވިއެވެ.

"މީގަ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރިން ހިންގަ ގަވާއިދު އިސްލާހުކޮއްފަ، އިންތިހާބުގެ ކަންތައްތައް ކުރިއަށްގެންދަން. މީގަ ވަރަށް ގިނަގޮތް ގޮތުން ހުއްޓުންތަކެއް އައިސް އެކި ގޮތްގޮތުން އެކި ކަހަލަ މައްސަލަތައް ދިމާވެގެން އެންމެފަހުން އިންތިހާބު ނުބޭއްވި އެއް އަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައީ." ޠަލާލް ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ މޯލްޑިވިސް އޮލިންޕިކް ކޮމޭޓީގެ ދަށުން މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވެވި ކަމަށެވެ. އެގޮތަށް އެކަން ކުރެއްވީ ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަނާ މަޝްވަރާ ކޮއްގެން ކުރިއަށްގެންދިޔުމުގެ ނިޔަތުގައި ކަމަށް ވެސް ޠަލާލް ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުރެވުނު އެއްވެސް މަސައްކަތަކަށް މާޗުމަހުގެ ނިޔަލަށް ދައުރު ހަމަވެފަ އޮތް ހިންގާކޮމެޓީން އެއްބާރުލުން ނުދެއްވިކަމަށް ޠަލާލް ވިދާޅުވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގައި ހިންގާކޮމެޓީގެ ދައުރު ހަމަވެފަވަނީ ނިމިދިޔަ މާޗް މަހުގެ 11 ވަނަދުވަހުއެވެ. މާޗުމަހުގެ ނިޔަލަށް ހިންގާ ކޮމެޓީގެ އިންތިހާބު ބާއްވާ އަހަރީ އާއްމު ޖަލްސާގެ ރިޕޯޓް ކޮމިޝަނަރގެ އޮފީހަށް ފޮނުވަން ޖެހޭނެއެވެ. އެހެން ނަމަވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މީގެ ކުރިން އުފެދުނު މައްސަލަތަކަށް ބެލުމެއް ނެތި އިންތިހާބު މާލެއިން ބޭރުގައި ބާއްވަން ތާވަލުވެސް ކޮއްފައެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން އިންތިހާބު ހުއްޓުވާލީ މެންބަރު ގިނަ ކަލަބުތަކުގެ ޝަކުވާތަކާ އެކުއެވެ.