ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ލޫޓުވާ ގުރޫޕުތަކުގެ މެންބަރުން ހޯދައި، އެ މީހުންނަށް މަރުގެ އަދަބު ދެމުންދާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސާ ގުޅުން އޮތް މަޞްދަރުތަކުންނެވެ. އެ ފަރާތްތަކުން ބުނީ، ޣައްޒާގައި ކާބޯތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކުގެ އިތުރުން ނިމަކެތީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޢާންމު ބަދިގެތަކަށް ހަތިޔާރު އެޅި ގުރޫޕުތަކުން ޙަމަލާދީ، އެ ތަންތަނުގައި ރައްކާކޮށްފައި ހުރި ކާބޯތަކެތި ލޫޓުވަމުންދާ ކަމުގައެވެ.
ޣައްޒާގައި ކާބޯތަކެތި ލޫޓުވުން ޢާންމުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި މި ވަނީ، އެ ސަހަރުގެ ފުރަބަންދު ޔަހޫދީ ފައުޖުން ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ހުރިހާ ސަރަޙައްދީ ހުރަހެއް ބަންދު ކޮށްފައެވެ. އަދި، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މީގެ އިތުރުން، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާނެ ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. މިއީ، ގަސްދުގައި ޣައްޒާގެ 2.3 މިލިޔަން މީހުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީ ފައުޖުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެކެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
މި ޢުދުވާނާއި ފުރަބަންދާ ގުޅިގެން ޣައްޒާއިން ކާބޯތަކެތި ހުސްވަމުންދާ ކަމުގެ އިންޒާރު އެކުވެރި ދައުލަތްތައް (އދ)ގެ އިތުރުން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ވަނީ ކޮށްފައެވެ. ޙަމާސްގެ އޮފިޝަލުން ބުނީ، އެ ސަހަރުގައި ކާބޯތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކަށް ޙަމަލާދީ، އެ ތަންތަނުގައި ހުރި ކާބޯތަކެތި ލޫޓުވަމުން ދަނީ ޒަޔަނިސްޓު އިސްރާއީލާ ގުޅުން އޮތް ހަތިޔާރު އެޅި ގުރޫޕުތަކުން ކަމުގައެވެ. އަދި، އެ ޖަމާޢަތްތަކަށް ޔަހޫދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ.
ކާބޯތަކެތި ލޫޓުވާ ގުރޫޕުތައް ޙިމާޔަތް ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޙަމާސުން ބުންޏެވެ. މި ފަދަ އެއް ހާދިސާގައި، ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޑްރޯނެއް ބޭނުންކޮށް އެއްގަމު އުޅަނދެއްގައި ދަތުރު ކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށް ޙަމަލާދީފައެވެ. އެ ފުލުހުންނަކީ، ލޫޓުވާ ގުރޫޕެއްގެ މެންބަރުން ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ބަޔެކެވެ.
"ޣައްޒާގެ ރައްޔިތުންނަށް ބިރުދައްކައި، އެ މީހުންގެ މުދާ ފޭރެމުންދާ ގުރޫޕުތައް ހުއްޓުވުމަށް، އަދި އެ ގުރޫޕުތަކުގެ އަމަލުތައް ހުއްޓުވުމަށް، ކޮންމެ ހާލަތެއްގައި ވެސް، އަޅުގަނޑުމެން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ދާނަން،" ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ފަދަ ގުރޫޕުތަކަށް ޒަޔަނިސްޓު އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުގެ ވެރިޔާ އިސްމާޢީލް އަލް-ޘަވާބްތާ ވެސް ވިދާޅުވިއެވެ. ކާބޯތަކެތި ލޫޓުވާ ގުރޫޕުތަކުގެ މެންބަރުންގެ ތެރެއިން ޒަޔަނިސްޓުންނާ ގުޅުން އޮތް މީހުން ހޯދައި، އެ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް އިއްވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ލޫޓުވުން ހުއްޓުވުމަށް ޙަމާސުން ވަނީ ރޭގަނޑު 9އަށް ފަހު ކަރފިޔު ހިންގަން ފަށާފައެވެ.