މިމަހުގެ 9-18 އަށް އިންޑިއާގައި ބާއްވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމު މިދަނީ ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެގެން ކަމަށް އެސިސްޓެންޓް ކޯޗު އިބްރާހިމް ސައީދު (ކަކާ) ބުނެފިއެވެ.
އަލަށް ބައިނަލްއަގްވާމީ މެޗަކަށްދާ ކުޅުންތެރިންނާއި ކުރީ އަހަރުގެ މުބާރާތުގެ ތަޖްރިބާ ހުރި ކުޅުންތެރިންވެސް މި ޓީމުގައި ހިމެނޭކަމަށް ފާހަގަކޮށް ކަކާ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް އާއި މޮޅުވުމުގެ އަޒުމު ކަމަށެވެ.
"ވަރަށް އުންމީދާއެއްކޮށް މިދަނީ އިރާދުކުރެއްވިއްޔާ ވެވުނު ތައްޔާރީތަކާއި ކުޅެވުނު އެކުވެރިކަމުގެ މެޗުތަކަށް ބަލާފަ މި ފަހަރު އެ ސްޓޭޖް (ގުރޫޕް ސްޓޭޖް) ހަމަގައިމުވެސް ކަށަވަރު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް" ކަމަށް އޭނާ ބުނިއެވެ. އަދި އެކަމަށް ބާރުލިބޭ އެއްކަމަކީ ކުޅުންތެރިންގެ ފަރާތުން ފެންނަ ކޮމިޓްމެންޓް ކަމަށް ކަކާ ބުންޏެވެ.
ކަކާގެ އިތުރުން ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާއިލް އާސިފްވެސް ބުނީ މިފަރަހު މިދަނީ ވަރަށް އުންމީދާއެކުގައި ކަމަށާއި ކުޅުންތެރިން ތިބީ މޮޅުވުމުގެ ރޫހުގައި ކަމަށެވެ.
މިދިޔަ އަހަރުގެ މުބާރާތުން ގުރޫޕް ސްޓޭޖުން ކެޓިނަމަވެސް މިފަހަރު ކުޅުންތެރިންގެ މޮޓިވޭޝަން ހުރީ ވަރަށް ރަނގަޅަށް ކަމަށްވެސް އާސިފް ބުންޏެވެ. އަދި ޓީމުގެ ކުޅުންތެރިން މުބާރާތަށް މިދަނީ ވަރަށް ފިޓްކޮށް އެއްވެސް އިންޖަރީއެއް ނެތި ކަމަށް އޭނާ ފާހަގަކުރިއެވެ.
ޓީމުގެ ކެޕްޓަން އަހުޒަމް ރަޝީދު ބުނީ މުބާރާތަށް މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އިރާދުކުރެއްވިއްޔާ ތައްޓާހަމައަށް ދެވޭނެ ކަމަށެވެ. ޒުވާން ޓީމުގައި ހިމެނޭ އީތަން އިބްރާހިމް ޒަކީ ބުނީ ބެލެނިވެރިންނާއި ޓީމުގެ މެނޭޖްމެންޓްގެ އެއްބާރުލުން ނެތި މިހާ ހިސާބަށް ނާދެވޭނެ ކަމަށާއި، މި މުބާރާތަށް ތައްޔާރުވީ އެ އެންމެންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައި ކަމަށެވެ.
އަދި އެންމެ އަވަހަށް ކުޅެން ޖެހޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަނގްލަދޭޝްއާއި ދެކޮޅަން ނިކުންނައިރު އެމެޗުން މޮޅުވާން ހިފާނެ ކަމަށާއި، ސާފްގެ ތަށި ނެގުމަކީ ޓީމުގެ ހުވަފެނެއް ކަމަށް އީތަން ބުންޏެވެ.
ޕީއެސްއެމް ނިއުސްއިން ވާހަކަ ދައްކާލި ބައެއް ބެލެނިވެރިންވެސް ބުނީ ޓީމާމެދު ވަރަށް ބޮޑަށް އުންމީދު އެބައޮތް ކަމަށާއި، އެކުދިން އެނބުރި އަންނާނީ ގައުމަށް ރީތިނަން ހޯދައިގެންކަމަށް އިންމީދު ކުރާ ކަމަށެވެ. 19 އަހަރުން ދަށުގެ ޓީމުގެ ބައެއް ގިނަ ކުޅުންތެރިންނަކީ އޭލެވް އާއި ކޮލެޖް/ޔުނިވަސިޓީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ކުދިންނެވެ.