ޚަބަރު

އިންތިޚާބު ބޭއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށް ޚާލިދާ ޒިޔާ ފަރުވާއަށް ފަހު ބަންގްލަދޭޝަށް


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި ހަތަރު މަސް ދުވަސް ހޭދަ ކުރެއްވުމަށް ފަހު އެނބުރި ބަންގްލަދޭޝަށް ވަޑައިގެންފިއެވެ. އޭނާ ބަންގްލަދޭޝަށް އެނބުރި ވަޑައިގެންފައި ވަނީ އެ ޤައުމުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ވަގުތީ ސަރުކާރަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން އެ ޤައުމުގެ ދަރިވަރުން ނިކުމެ ވައްޓައިލި ފަހުން އެ ޤައުމު ހިންގަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ. ޚާލިދާ ޒިޔާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމުގައިވާ ޝައިޚް ޙަސީނާ ވަނީ ވެރިކަން ވެއްޓުމުން އަވަށްޓެރި އިންޑިޔާއަށް ވަޑައިގަންނަވާފައެވެ. މި ޙާލަތުގައި ޚާލިދާ ޒިޔާ ޤައުމަށް އެނބުރި ވަޑައިގަތުމަކީ އޭނާގެ ޕާޓީ، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)އަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ބީއެންޕީގެ ސެކެޓްރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގިރް ވިދާޅުވީ ޚާލިދާ ޒިޔާ ޤައުމަށް އެނބުރި ވަޑައިގަތުމަކީ ޕާޓީއަށާއި ޤައުމަށް ލިބޭ އުފަލެއް ކަމަށެެވެ. އެ ކަމަނާގެ އެނބުރިވަޑައިތަކުމަކީ ޤައުމުގައި ޑިމޮކްރަސީ ޤާއިމު ކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާލިދާ ޒިޔާ ބަންގްލަދޭޝަށް އެނބުރި ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ކިޔުމަށް ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ޤައުމުގެ ވެރިކަންކުރާ ދާކާގެ މައި ވައިގެ ބަނދަރާއި އެ ކަމަނާގެ ގެކޮޅު ހުންނަ ސަރަޙައްދަށް އެެއްވެފައެވެ. އާލާސްކަންފުޅާ އުޅުއްވާތީ ފާއިތުވި އަހަރުތަކުގައި އެތައް ފަހަރެއްގެ މަތިން ހަސްފަތާލުގައި އެނދުމަތި ކޮށްފައިވާ ޚާލިދާ ޒިޔާ ވައިގެ ބަނދަރުން ފެނިފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަނިކޮށެވެ. އުމުރުން 78 އަހަރުގެ ޚާލިދާ ޒިޔާ ވަނީ މަރުޙަބާ ކިޔުމަށް އެެއްވެ ތިބި ޢާންމުންނަށް އަތް ހަނައަޅުއްވާ އެ މީހުންގެ ސަލާމް ބަލައިގަންނަވާފައެވެ.

ޚާލިދާ ޒިޔާއަކީ ތިން ފަހަރު މަތިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭކަނބަލެކެވެ. އޭގެ ތެރެއިން ދެ ދައުރު ފުރިހަމަ ކުރައްވާފައިވާއިރު އެއް ދަައުރު ވަނީ މަދު މަސްކޮޅެއްގެ ތެރޭގައި ނިމުމަކަށް އައިސްފައެވެ. 2018ވަނަ އަހަރުގެ ތެރޭގައި ޙަސީނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު ޚާލިދާ ޒިޔާއާ ދެކޮޅަށް އުފުލާފައިވާ ޚިޔާނާތުގެ ދައުވާއެއް އޭނާއާ ދެކޮޅަށް ސާބިތުވެ 17 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ބީއެންޕީއިން ބުނަނީ އެ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުން ވަނީ 2008ވަނަ އަހަރުގެ ޚިޔާނާތުގެ މައްސަލައިގައި އެ ޚާލިދާ ޒިޔާގެ ކުށެއް ނެތް ކަމަށް ނިންމައި، އެ ކަމަނާއާ ދެކޮޅަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ޙުކުމް ބާޠިލު ކޮށްފައެވެ. އޭގެ ކުރިން 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެ ކަމަނާގެ ވެރިކަމުގެ ފަހު ދައުރުގައި 260،000 އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ސާބިތުވި ދަައުވާއަކާ ގުޅޭ ޙުކުމް ވެސް ވަނީ ބާޠިލު ކޮށްފައެވެ.

ޚާލިދާ ޒިޔާ މިހާރު މިނިވަންވެފައިވާއިރު މި ދަނޑިވަޅިގައި އެ ކަމަނާ އެނބުރި ބަންގްލަދޭޝަށް ވަޑައިގަތުން ވެގެން ދާނީ ވަގުތީ ސަރުކާރުގެ ފަރާތުން އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އިޢުލާނު ކުރުމަށް އޮންނަ ޕްރެޝަރު އިތުރު ކޮށްދޭ ކަމަކަށެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނުވަތަ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ކަމަށް ވަގުތީ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ތާރީޚު ބަރޯސާ ވަނީ ޤައުމަށް އިޞްލާޙީ ބަދަލުތައް ގެނެވޭ މިންވަރުގެ މައްޗަށެވެ.