ނިމިދިޔަ އޭޕްރިލް މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ދެ ލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކުން ޖޫރިމަނާކޯށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މާރިޗުމަހާ އަޅާ ބަލާއިރު އެޕްރީލްމަހު ޖޫރިމަނާކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ އޭޕްރިލް މަހުގެ އެކަކުން 31ގެ ނިޔަލަށް ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި ޖޫރިމަނާކުރި މީހުން ޖުމްލަ 192,500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާރިޗު މަހު ވޭޕް ގެންގުޅުމާއި، ބޭނުން ކޮށްގެން ޖުމްލަ 27 މީހުން 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރެއިން ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި އަދަދަކީ 82،000 ރުފިޔާ ކަމަށާއި، ވޭޕް ގެންގުޅެގެން ޖޫރިމަނާ ކުރި އަދަދަކީ 41،000 ރުފިޔާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.