ވަޒީރުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ދެއްވަމުން ގެންދަވާ އިންޝުއަރަންސް ޕެކޭޖް ބޮޑުކުރެއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކުރައްވައިފިއެވެ.
އިންޝުއަރެންސް ޕެކޭޖް ބޮޑުކުރެއްވުމަށް ފެންނަކަމަށް 46 މެމްބަރުން ވޯޓް ދެއްވިއިރު ނުފެންނަކަމަށް ވޯޓް ދެއްވާފައިވަނީ 16 މެމްބަރުންނެވެ.
އިންޝުއަރެންސް ޕެކޭޖަށް ގެންނެވި ބަދަލާއެކު ވަޒީރުންނަށް އަހަރަކު 12،500 ރުފިޔާ ދައްކައިގެން ބޭސްފަރުވާ ކުރެވޭ ޕެކޭޖްގެ އަގުވަނީ 19،000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. އަދި އަހަރަކަށް ބޭސްކުރެވޭ މިންވަރު 300،000 ރުފިޔާއިން 350،000 ރުފިޔާއަށް ވަނީ ބޮޑުވެފައެވެ.
ސުޕްރީމްކޯޓާއި މަޖްލިސް މެމްބަރުންނަށް ބޭސްފަރުވާކުރެއްވުމުގެ ޕެކޭޖްގެ އަގުވަނީ 12،000 ރުފިޔާއިން 24،000 ރުފިޔާއަށް ބޮޑުވެފައެވެ. ހައިކޯޓްގެ ފަނޑިޔާރުންގެ ބޭސްފަރުވާކުރުމުގެ ޕެކޭޖްގެ އަގު ވަނީ 10،000 ރުފިޔާއިން 14،000 ރުފިޔާއަށް ބޮޑުވެފައެވެ.
ސުޕީރިއަރ ކޯޓްތަކުގެ ފަނޑިޔާރުންގެ ބޭސްފަރުވާކުރުމުގެ ޕެކޭޖްގެ އަގުވެސް ވަނީ 7000 ރުފިޔާއިން 9000 ރުފިޔާއަށް ބޮޑުވެފައެވެ. އަދި މިނިވަން މުވައްސަސާތަކުގެ މެމްބަރުންގެ ގެ ޕެކޭޖްގެ އަގު ވަނީ 10،000 ރުފިޔާއިން 14،000 ރުފިޔާއަށް އިތުރުވެފައެވެ.
ޕެކޭޖްތަކަށް ގެންނެވި ބަދަލުގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ޤައުމުތަކުން ބޭސްފަރުވާކުރެއްވޭނެއެވެ.