ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ 2.3 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޓަކައި ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ން ހިންގަމުން ދިޔަ ބަދިގެތައް ވެސް ބަންދު ކޮށްފިއެވެ. ޑަބްލިޔުސީކޭއަކީ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އެމެރިކާގެ ޖަމުޢިއްޔާއެކެވެ. ޣައްޒާގެ ރައްޔިތުން ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައި ވަނީ އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ.
މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ވަނީ ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ 2.3 މިލިޔަން މީހުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރުމުގެ ހީލަތްތެރި ނިޔަތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާއެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ޔަހޫދީންގެ ޖަރީމާތަކަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވަމުންނެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ޢާންމު ބަދިގެތަކުގެ ތެރެއިން ގިނަ ތަންތަން ބަންދު ކުރަން މަޖުބޫރުވެފައި ވަނީ، ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އެޅުމުގެ ސަބަބުންނެވެ. "ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި 130 މިލިޔަން ކެއުމާއި 26 މިލިޔަން ޕާން ފޯރުކޮށްދިނުމަށް ފަހު، ވަރލްޑް ސެންޓްރަލް ކިޗަނުން ޣައްޒާގައި ކާބޯތަކެތި ތައްޔާރު ކުރުމަށާއި ޕާން ފިހުމަށް ބޭނުންވާނެ ސާމާނު ވަނީ ހުސްވެފައި،" ޑަބްލިޔުސީކޭން ހާމަކުރިއެވެ.
ނަމަވެސް، ޣައްޒާގައި ހާލުގައި ޖައްސާފައިވާ ޢާއިލާތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޑަބްލިޔުސީކޭގެ މުވައްޒަފުން މަސައްކަތް ކުރަމުންދާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ. ކާބޯތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ދެން ފެށޭނީ، ފުރަބަންދު އުވައިލައި، އެ ކަމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެ ކުރަން ފެށުމުން ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.
"މާރިޗު މަހުން ފެށިގެން ކާބޯތަކެއްޗާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ބަރު ކޮށްފައިވާ ޑަބްލިޔުސީކޭގެ ލޮރީތައް ޣައްޒާގެ ސަރަޙައްދީ ހުރަސް ކައިރީގައި އޮތީ ތާށިކޮށްލާފައި. އިތުރު ތަކެތި ޣައްޒާއަށް ފޮނުވުމަށް އުރުދުނާއި މިޞްރުގައި އޮތީ ތައްޔާރީ ހާލަތެއްގައި،" އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.
ޑަބްލިޔުސީކޭން ޣައްޒާގައި ހިންގަމުން ދިޔަ ޢާންމު ބަދިގެތައް ބަންދު ކުރުމަށް މަޖުބޫރު ކުރުވާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމުގެ ޤަތުލުޢާންމުގެ އައު ބާބެއް ފެށުމަށް ޔަހޫދީ ފައުޖުން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކަން ކުރާނެ ގޮތުގެ އައު ރޭވުމެއް ރާވައި، ޒަޔަނިސްޓުންގެ ހައްދުފަހަަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ފާސްކޮށްފައެވެ. އެ ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމެވެ. އަދި، ވީހާވެސް ގިނަ ބަޔެއްގެ ފުރާނަ ނަގައިލުމެވެ.
ނިރުބަވެރި ނަތަންޔާހޫގެ ސަރުކާރުން ބުނީ، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ރައްޔިތުން ވަޒަނުން ބޭރުކޮށް، ހަ ކޭމްޕަކަށް ނުވަތަ ޖަލަކަށް ޖަމާކުރާނެ ކަމުގައެވެ. އަދި، އެ ތަނަށް ޖަމާކުރާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭނީ ޔަހޫދީ ފައުޖުގެ ބެލުމުގެ ދަށުން ކަމުގައެވެ. އެ ތަނަށް ޖަމާވުމަށް އިންކާރު ކުރާ މީހުން ހައިހޫނުގައި ޖައްސައި ޝަހީދު ކޮށްލުމަށް ވެސް ހީލަތްތެރި ޔަހޫދީން އޮތީ ރާވާފައެވެ.
ޔަހޫދީންގެ ރޭވުމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކާ ޙަވާލާދީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގޓަން ޕޯސްޓުން ބުނީ ޣައްޒާގެ ރައްޔިތުން ޖަމާ ކުރުމަށް ޔަހޫދީން ރާވާފައިވާ ކޮންމެ ޖަލެއް ނުވަތަ ކޭމްޕަކަށް 5,000 ނުވަތަ 6,000 ޢާއިލާގެ ހުރިހާ މެންބަރުން ބަދަލު ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި، ކޭމްޕާ ވަކިން ބިނާ ކުރުމަށް ނިންމާފައިވާ ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި އޮތީ ކޮންމެ ޢާއިލާއެއްގެ އެންމެ މެންބަރަކަށް ކަމުގައެވެ.
މި ކަމުގެ މަޢުލޫމާތު ހާމަކޮށްފައި ވަނީ ނޯވީޖިޔަން ރެފިއުޖީ ކައުންސިލުގެ ވެރިޔާ ޔާން އެގެލަންޑެވެ. އޭނާ ވިދާޅުވީ ޣައްޒާގައި ބާކީ ތިބި 1.5 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތިން މަޙްރޫމު ކުރުވައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ރާވާފައިވާ ކަމުގައެވެ. ކާބޯތަކެތި ބެހުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލު ކުރުމަށް ޔަހޫދީން ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. މިއީ، މި ކަމުގައި ރައީސް ޓްރަމްޕްގެ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. މިއީ، އިންސާނިއްޔަތު ކަމެއް ނެތް ރޭވުމެއްގެ ގޮތުގައި މާހިރުންނާއި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުން ވަނީ ސިފަ ކޮށްފައެވެ.
ޔަހޫދީންގެ ބޭނުމަކީ ޤަތުލުޢާންމު މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުމެވެ. އަދި، ޣައްޒާގެ ރައްޔިތުން ނިކަމެތި ހާލުގައި ބައިތިއްބައި، ހައިހޫނުގައި ޖައްސައި ޝަހީދު ކުރުމެވެ. "އެހީގެ ސާމާނު ބެހުމުގެ ނަޒަރުން ވިސްނާއިރު މިއީ އެއްވެސް ވަރަކަށް ހަމަޖެހޭ ރޭވުމެއް ނޫން،" ހުޅަނގުގައި އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ކުރީގެ ޤާނޫނީ މުޝީރު ޑަޔާނާ ބުއްޓޫ ވިދާޅުވިއެވެ.
"ސިޔާސީ މަޝްރޫޢެއްގެ ނަޒަރުން ބަލައިލާއިރު، މިއީ ނަސްލެއް ނައްތައިލުމަށް ހިންގާ ޤަތުލުޢާންމެއް، [ޣައްޒާ] ފޮތިފޮތިކޮށް ކާނާއަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން، މިއީ ހަމަޖެހޭ ރޭވުމެއް ނޫން،" ބުއްޓޫ ވިދާޅުވިއެވެ. ނަމަވެސް، މިއީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ މައިގަނޑު މަޤުޞަދު ހާސިލު ކުރުމަށް ބޭނުން ކުރާނެ ރޭވުމެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއަރޒްގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޢުމަރު އަލް-ރަޙްމާން ވިދާޅުވީ ޔަހޫދީ ފައުޖުގެ މަޤުޞަދަކީ މި ޤަތުލުޢާންމަކީ، އަދި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކުރަމުން ދަނީ އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ކަމަށް ދައްކައި، ދުނިޔޭގެ ލޯތަކުގައި އަނދުން އެޅުވުން ކަމުގައެވެ. "ޤަތުލުޢާންމު ފެށި ދުވަހުން ފެށިގެން އިސްރާއީލުން ވަނީ އެ މީހުންގެ ނިޔަތް ހާމަ ކުރަމުން ގޮސްފައި؛ އެއީ ޣައްޒާ ސުންނާފަތި ކޮށްލުން، އަދި ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުކޮށްލައި، ކާބޯތަކެތިން މަޙްރޫމުކޮށް ހައިހޫނުގައި ޖައްސައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކޮށް ނެތިކޮށްލުން،" އޭނާ ވިދާޅުވިއެވެ.