ޚަބަރު

ޙަމަލާދިނުމަށް އިންޑިޔާއިން ބޭނުންކުރަނީ ޔަހޫދީން އުފައްދާފައިވާ ޒަމާނީ ޑްރޯން: ޕާކިސްތާން


ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދޭން އިންޑިޔާއިން ފޮނުވައިލި 25 ޑްރޯން މިހާތަނަށް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އިސްތިޤުލާލު މުގުރާލައި، އިންޑިޔާއިން ފޮނުވައިލި ޑްރޯންތައް ޕާކިސްތާނުގެ އެކި ހިސާބުތަކުން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މެޖަރ ޖެނެރަލް އަޙުމަދު ޝަރީފް ޗައުދްރީ ވިދާޅުވިއެވެ.

އޭގެ ބައެއް ޑްރޯނުތައް ވައްޓާލާފައިވަނީ ލާހޯރު އަދި ކަރާޗީ ފަދަ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑްރޯންތައް ވައްޓައިލުމުގެ ތެރޭގައި ޢާންމުންގެ މީހަކު މަރުވެފައިވާ ކަން ވެސް އޭނާ ވަނީ ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިޔާއިން ދަނީ ހުއްޓުމެއްނެތި ޙަމަލާދޭން ޑްރޯންތައް ފޮނުވަމުން ކަމަށާއި، ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ ރައްދުގައި އެ ޑްރޯންތައް ވައްޓައިލަމުންނެވެ.

ފާއިތުވި އަހަރުތަކުގެ އިންޑިޔާއިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޑްރޯނާއި މިސައިލާއި ރާޑަރު ފަދަ ބަރު ހަތިޔާރު، ޔަހޫދީން އަތުން ގަނެފައެވެ.

ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.

އިންޑިޔާގެ މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ހަނގުރާމަވެރިންގެ މަޤާމުތަކަށް ކަމަށް އެ ޤައުމުން ބުނި ނަމަވެސް އެ ޙަމަލާތަކުގައި މަރުވެފައި ވަނީ ޢާންމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އެ ގޮތުން އެ ޙަމަލާތަކުގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.