ޚަބަރު

ކުޑަކުއްޖަކު އުރައިގެން މަގުހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް


  • އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރު

  • ކުއްޖާގެ ބޯ ދުޅަވެފައިވާކަމަށް ފުލުހުން ވިދާޅުވި

ހުޅުމާލޭ ނިރޮޅުމަގުން ކުޑަކުއްޖަކު އުރައިގެން މަގުހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި ކަނާއަތު ފައިތިލަމަތި މަށައިގެންގޮސްފައިވާކަމަށެވެ. އަދި މަގު ހުރަސްކުރި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެންގޮސްފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި އަންހެން މީހާ އުރައިގެން ހުރި ކުޑަކުއްޖާގެ އުމުރަކީ 1 އަހަރާއި 8 މަހެވެ. އެ ކުއްޖާގެ ބޯ ދުޅަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.