މިއަހަރު ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން މެޑަލް ހޯދި ޓީމްތަކާއި އެތްލީޓުންނާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު މުލިއާގޭގައި އޮތް ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމަށް ރީތި ނަމާއި ޝަރަޕް ހޯދައިދިން ޓީމްތަކާއި އެތްލީޓުންނަށް އެމަނިކުފާނު މަރުޚަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ޔާމީން މިއަދު ބައްދަލުކުރެއްވީ މިދިޔަ މާޗް މަހު ނޭޕާލްގައި އޮތް ސާބާ ވިމެންސް ބާސްކެޓްބޯޅަ މުބާރާތުން ލޯ މެޑަލް ހޯދި އަންހެން ޓީމާއި، މިމަހުގެ ކުރީކޮޅު އިންޑިޔާގެ ބެންގަލޫރުގައި ސާބާ ޒޯން ކޮލިފިކޭޝަންގައި ވާދަކޮށް ރިހި މެޑަލް ހޯދި ޓީމާއި، ސައުތް އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ގިނަ މެޑަލްތަކެއް ހޯދި ޖޫނިއާ ޓީޓީ ޓީމާއި، މި މަހު ބެންގަލޫރުގައި އޮތް އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި މުބާރާތުގެ 200 މީޓަރ ދުމުވުން ރިހި މެޑަލް ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން މިދިޔަ ޖޫން މަހު ފްރާންސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި އިބްރާހިމް ހުސެއިން (އިއްބަޑޭ)އާއިއެވެ.
img:http://s3.psmnews.mv/images/660x400/14693596344576.jpg|ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އެކި ކުޅިވަރުތަކުގައި މެޑަލް ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނާއި ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީންވަނީ މިހާރު އެތްލީޓުން ހޯދާފައިވާ ކާމިޔާބީތަކަށްވުރެ ބޮޑެތި ކާމިޔާބީތަކެއް މުސްތަޤްބަލުގައި ދިވެހި ޤައުމަށް ހޯދައިދިނުމަށް ހިތްވަރުދެއްވާފައެވެ. އަދި މިއަހަރު އެކި ކުޅިވަރުތަކުން މި ހޯދި ކާމިޔާބީތަކަކީ ކުޅިވަރުގެ އާއިލާތަކަށް ލިބިގެންދިޔަ ހިތްވަރެއްކަމަށާއި، ދިވެހިރާއްޖޭއަކީ ކުޅިވަރުގެ އެންމެ އުސް އުޑުތަކުގައި ފާހަގަކޮށްލެވޭ ފެންވަރުގެ ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.