ޚަބަރު

ހަތިޔާރުއެޅި ޖަމާޢަތްތަކުން ސޫރިޔާ ސަރުކާރާ ގުޅުމަށް ދިހަ ދުވަހުގެ މުުހުލަތެއް


ސޫރިޔާގެ ދިފާޢީ ވުޒާރާއާ ގުޅެން ބޭނުންވާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އެ ކަން އެނގުމަށް ސޫރިޔާގެ ދިފާޢީ ވުޒާރާއިން އަންގައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. އައު އިންތިޤާލީ ސަރުކާރެއް އެކުލަވާލާފައިވާ އިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް އެއް ގަލަކަށް އަރުވައި، އެ ޖަމާޢަތްތައް އުވާލައި ޤައުމުގެ ދިފާޢީ ބާރުގެ ތެރޭގައި އެ ޖަމާޢަތްތައް ހިމަނާށެވެ.

އަސަދާ ދެކޮޅަށް ކުރިން މަސައްކަތް ކުރަމުންދިޔަ ޖަމާޢަތްތަކުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އެ ގޮތަށް ޢަމަލު ކުރުމަށް އެއްބަސްވެފައެވެ. ސަރުކާރުގެ ބޭރުން ޙަރަކާތްތެރިވާ ޖަމާޢަތްތަކުގެ އަތުގައި ހަތިޔާތު ހުރުމަކީ ސަރުކާރުގެ ބާރު ދެމެހެއްޓުމަށް އޮތް ހުރަހެކެވެ.

ސޫރިޔާގެ ދިފާޢީ ވަޒީރު މުހްޙަފް އަބޫ ޤަސްރާ ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގައި ޙަރަކާތްތެރިވާ އެކި އަސްކަރީ ޔުނިޓުތައް މިހާރު އެއްބައިވަންތަ އޮނިގަނޑެއްގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އެއީ ހޯދިފައިވާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ. އޭނާ އިތުރަށް ބުނީ ސަރުކާރުގެ އަސްކަރިއްޔާއާ ނުގުޅި ތިބި ކުދި އަސްކަރީ ޖަމާޢަތްތަކުން ސަރުކާރާ ގުޅުމަށް ދިހަ ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. ސަރުކާރާ ނުގުޅި ތިބީ ކޮން ފެކްޝަންތަކެއް ކަން އޭނާ ބަޔާން ކޮށްފައެއް ނުވެއެވެ.

އަބޫ ޤަސްރާގެ ބަޔާން އަމާޒު ކޮށްފައި ވަނީ އެމެރިކާއިން ވާގިވެރިވާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)އަށް ކަމަކަށް ނުބެލެވެއެވެ. ކުރުދީންނަށް ނިޞްބަތްވާ މި ޖަމާޢަތުން މި އަހަރުގެ ކުރީކޮޅު ވަނީ ސޫރިޔާގެ އައު ރައީސް އަޙްމަދު އަލްޝަރާޢުއާއެކު ހަނގުރާމަވެރި ޖަމާޢަތްތަކާއި ސަރުކާރުގެ މުޢައްސަސާތަކާ ގުޅުވާލުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލްޝަރާޢުއާ ބައްދަލު ކުރައްވައި ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް ވިދާޅުވައެވެ. ސޫރިޔާގެ ދާޚިލީ ވަޒީރު އަނަސް ޚައްތާބު ބުނީ އެ ނިންމުމަކީ ސޫރިޔާގެ ސަލާމަތީ ކަންކަމުގެ އިތުރުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

އަސަދުގެ ވެރިކަން ވެއްޓުމާއެކު ސޫރިޔާގެ ދިގު އަހުލީ ހަނގުރާމަ މަޑުޖެހުނު ނަމަވެސް މި އަހަރުގެ ތެރޭގައި ސޫރިޔާގައި ގިނަ ލޭއޮހޮރުވުންތަކެއް ހިންގާފައިވެއެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ސުންނީ ހަނގުރާމަވެރިން ވަނީ އަސަދު ނިސްބަތްވާ އަލް-ޢަލަވީ ދަރިކޮޅުގެ އެތައް ސަތޭކަ ބަޔަކު މަރާލައިފައެވެ. ސުންނީން ޢަލަވީތުންނަށް ޙަމަލާ ދިނީ އަސަދަށް ވަފާތެރި ފައުޖުން ސޫރިޔާގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ނިމިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ވެސް ސުންނީ ހަނގުރާމަވެރިންނާއި މީސްމަދު ދްރޫޒީންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ. އޭގެ އިިތުރުން މެއި މަހުގެ 17ވަނަ ދުވަހު ވެސް ސޫރިޔާގެ ސަރުކާރުން ވަނީ ޙަލަބުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތާ ގުޅުންހުރި ޖަމާޢަތްތަކަށް އަމާޒު ކޮށް ރޭޑުތައް ހިންގާފައެވެ.