ޚަބަރު

މެދުއިރުމައްޗަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅު: ސަރަޙައްދީ ޚާރިޖީ ގުޅުންތައް ބަދަލުކޮށްލި ދަތުރެއް


އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބާކީވަމުންދާ ކަން އެންމެ ބޮޑަށް ދައްކުވައި ދިން މަންޒަރަކީ އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕް ނިމުނު ހަފްތާގެ ތެރޭގައި މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ސޫރިޔާގެ އައު ރައީސް އަޙްމަދް އަލް-ޝަރާޢުދާ އަތާ އަތް ޖޯޑު ކުރައްވައި ސަލާމް ކުރެއްވި މަންޒަރެވެ. ޝަރާޢުއަކީ ސޫޓެއް ލައިގެން ހުރި އަލް-ޤާއިދާ ޖަމާޢަތުގެ ނިރުބަވެރިއެއްގެ ގޮތުގައި ޔަހޫދީން ވަނީ ސިފަ ކޮށްފައެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ޝަރާޢުއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޝަރާޢުއަކީ ޤާބިލުކަން ހުރި ހަޤީޤީ ލީޑަރެއް ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާއަށާއި ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ޓްރަމްޕް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަކީ ހަމައެކަނި ފައިދާހުރި އިންވެސްޓުމަންޓުތައް ހޯއްދެވުމަށް އަދި ޚާރިޖީ ގުޅުންތައް ދައްކައިލުމަށް ކުރެއްވި ދަތުރުފުޅެއް ނޫނެވެ. މި ދަތުރުފުޅުގެ ބޭނުން އެއަށްވުރެ މާ ބޮޑެވެ. ދަތުރުފުޅު ވެގެން ގޮސްފައި މިި ވަނީ އީރާނުގެ ނުފޫޒު ކުޑަކޮށްދޭ، އަދި ޔަހުދީން ބާކީ ކޮށްލާ މުޅިން އައު ސިޔާސަތެއްގެ ފެށުން ކަމަށެވެ.

އެމެރިކާގެ ރައީސްގެ މަޤާމާ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ޙަވާލުވެވަޑައިގަތުމާއެކު ޓްރަންޕާ ބައްދަލުކުރެއްވުމަށް އެމެރިކާއަށް އެންމެ ފުރަތަމަ ދަތުރު ކުރި ލީޑަރަކީ ނަތަންޔާހޫއެވެ. އިސްރާއީލާއި އެމެރިކާއާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް ފަލަސަްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވަނީ ޙަަމަލާތައް ހުއްޓައިލުމަށް ޣައްޒާގައި ވެރިކަންކުރާ ޙާމާސް ޖަމާޢަތާއެކު ޔަހޫދީންނަށް އެއްބަަސްވުމަކާ ހަމައަށް ނާދެވި އޮތްއޮތުމަކީ އެެމެރިކާގެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެެވެ.

ޓްރަމްޕްގެ މެސެޖު ވަރަށް ސާފެވެ. މީގެ ކުރިން ޝަރުތަކާ ނުލައި އިސްރާއީލަށް ކުރަމުންދިޔަ ފުރިހަމަ ތާއީދު މިއަދު އެމެރިކާއިން ކުރަން ބޭނުމެއް ނުވެއެވެ. އެމެރިކާއިން މެދުއިރުމައްޗާމެދު ޢަމަލު ކުރަމުން ދިޔަ އުސޫލުތަކަށް މިއަދު އަންނަނީ ބަދަލު ގެންނަވަމުންނެވެ. އެއީ ވަކި ނަތީޖާއެއް ޙާޞިލް ކުރުމަށްޓަކައިއެެވެ. އެމެރިކާއިން ދެކެނީ އެ ޤައުމުން ކުރާ ކޮންމެ މުޢާމަތާކަލީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައެވެ. ކަން އެހެން އޮތް އިތު ނަތަންޔާހޫއަށް ވަނީ އެމެރިކާ ހިތްހަމަޖެހޭ ފަދަ އަދި އެމެރިކާއަށް ފައިދާ ހުރި ހުށަހެޅުމެއް ހުށަހަޅަން ނުކުޅެދިފައި ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. އެމެރިކާގެ މަސްލަހަތަށް ފައިދާ ނުވާ ކަންކަމުގައި އެ ޤައުމުން ބައިވެރިއެއް ނުވާނެއެވެ.

ނަމަވެސް އެމެރިކާއިން ޔަހޫދީން އެއްކޮށް ދުލެއް ނުކޮށްލާނެއެވެ. ޔަހޫދީންގެ ތާއީދު އެމެރިކާއަށް ވަރަށް މުހިންމެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ނަތަންޔާހޫ ކޮންމެވެސް ވަރަކސް އެއްފަރާތް ކޮށްފައި ވަނީ މެދުއިރުމަތީގައި އެމެެރިކާގެ އަމިއްލަ މަސްަލަހަތު ވެސް އޮންނަ ކަން ހާމަ ކުރުން ކަމަށާއި އެމެރިކާގެ މަސްލަހަތުތައް ޙާޞިލް ކުރުމުގައި އޮތް ހުރަހަކީ އިސްރާއީލަށް ވެގެން ނުވާނެ ކަން ޔަހޫދީންނަށް ވިސްނައިދިނުމަށް ކަމަށް ބެލެވެއެވެ.

ޣައްޒާގެ މައްސަލައިގައި ޚިޔާލުތަފާތުވުމާއި ބައިބައިވުން

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 52،900އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.



ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ.

ޓްރަމްޕްގެ ރިޔާސީ ކެންޕޭނުގައި އޭނާ ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ޣައްޒާގައި ޙަމަލާ ބަދަލަުކުރުން ހުއްޓާލައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންވާން ބޭނުންވާ ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން ފެށިގެން މަސްތަކެއް ފާއިތުވެފައިވާއިރު ނަތަންޔާހޫ އަދިވެސް ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ޢިޖާބަ ނުދީ، ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޢުދުވާން ިހިންގަމުންދާތާ 19 މަސް ދުވަަސް ފާއިތުވެފައިވާއިރު އަދިވެސް ހަނގުރާމަ ހުއްޓާލާނެ ގޮތެއް، ނުވަތަ ހަނގުރާމަ ނިމުމުން ކަންތައް ކުރަން ނިންމާފައިވާ ގޮތެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ހިތްހަމަނުޖެހުން ޔަހޫދީންނަށް އޮތީ ހަމައެކަނި ޣައްޒާ ޢުދުވާނުގެ މައްސަލައިގައެއް ނޫނެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ފަށާފައިވާ މަޝްވަރާތަކަކީ ނަތަންޔާހޫ އެ ކަމާމެދު ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން އެ މައްސަލައިގައި ވެސް އެމެރިކާއާއި ޔަހޫދީންނާ ދެމެދު ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ކަން މިހެން އޮތް ނަމަވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޤައުމީ ސަލާމަތާބެހޭ ކައުންސިލުގެ ތަރުޖަމާނު ޖޭމްސް ހިއުވިޓް ވިދާޅުވީ އިސްރާއީލަކީ އަދިވެސް އެމެރިކާއަށް މުހިންމު އަދި ގާތް ޤައުމެއް ކަމަށެވެ. ޣައްޒާގައި ބަންދުކޮށްފައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އިސްރާއީލާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި އީރާނަށް ދުވަހަކު ވެސް ނުއިކްލިޔަރ ހަތިޔާރެއް ހޯދުމަށް ފުރުޞަތު ނުދިނުމާއި މެދުއިރުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގައި ޔަހޫދީންގެ ދައުރު މުހިންމު ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ގުޅުން ވަރުގަދަ ކަމަށް އެމެރިކާއިން ބޭރުފުށުން ދެއްކި ނަމަވެސް ޓްރަމްޕްގެ ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ޣައްޒާއާއި އީރާނުގެ މައްސަލައިގައި އެމެރިކާގެ ވިސްނުމާއި ޔަހޫދީންގެ ވިސްނުން ތަފާތުވާތީ އެ ކަމާމެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޓްރަމްޕް މެދުއިރުމައްޗަށް ދަތުރު ކުރައްވަން ފުރާވަޑައިގަތުމުގެ ކުރިން ވެސް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި އޮތް ކަމަށް މަސްދަރުތަކުން ބުނެއެވެ. އެ ނުތަނަވަސްކަން އުފެދުނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާގެ ތާއީދު ހޯއްދެވުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ނަތަންޔާހޫ އެމެރިކާއަށް ދިޔަ ދަތުރުގެ ތެރެއިންނެވެ. ނަތަންޔާހޫ ހީކުރި ގޮތާ ޚިލާފަށް އެމެރިކާއިން ބޭނުންވީ އީރާނާ ދެކޮޅަށް ބޮން ނާޅައި ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލު ކުރުމަށް މަަސައްކަތް ކުރާށެވެ.

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއިން ޢަމަލު ކުރުމަށް ވިސްނާފައި އޮތް ގޮތް އެނގުމުން އީރާނާމެދު ވަރަށް ހަރުކަށި އުސޫލަކުން ޢަމަަލު ކުރުމަށް ތާއީދު ކުރާ ނަަތަންޔާހޫއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ފެށުމަށް ހަމަޖެހުނުކަމުގެ ޚަބަރުތައް ނަތަންޔާހޫއަށް ލިބުނީ ޓްރަމްޕްއާ ބައްދަލު ކުރުމުގެ އިރުކޮޅެއް ކުރިންނެވެ.

އެއަށްފަހު އައި ދުވަސްތަކުގައި، އެމެރިކާއިން ޔަމަނުގެ ހޫޘީންނާއެކު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމާއި ސޫރިޔާގެ އައު ސަރުކާރާ ގުޅުން ބަދަހިކުރުމާއި މެދުއިރުމައްޗަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި އިސްރާއީލާށް ވަޑައިނުގަތުން ވެގެން ގޮސްފައި މި ވަނީ އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ޒަމާންވީ ސަޤާފީ ގުޅުންތައް ގޯސްވެފައިވާ ކަމުގެ ހެއްކަކަށެވެ. މިހާރު ފެންނަމުން ދަނީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި އިސްރާއީލާއެކު ދަމަހައްޓަމުން ދިޔަ ގާތް ގުޅުމަށް ބުރޫއަރާފައިވާ މަންޒަރެވެ.

ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ޞުލްޙަ ޤާއިމު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ނަން ހޯއްދެވުމުގެ ގޮތުން ޣާއްޒާ ޢުދުވާން ނިމުމަކަށް ގެނެސްފައިވާ ކަމުގެ އިޢުލާނެއް ކުރައްވާނެ ކަމަށް މުޅި ދުނިޔެ ތިބީ އިންތިޒާރު ކޮށްގެންނެވެ. ނަމަވެސް އެ ގޮތަށް ކަންތައްތައް ހިނގާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޙަމާސްއާ ދެކޮޅަށް ދޭ ޙަމަލާތައް ވަރުގަދަކޮށް، ޙަމާސް ނައްތާލުމަށް ނަތަންޔާހޫ ހުރީ އަމާޒު ހިފާފައެވެ. ޓްރަމްޕްގެ މެދުއިރުމަތީގެ ދަތުރު ނިންމަވާލެއްވި ދުވަހު ޔަަހޫދީން ވަނީ ޣައްޒާގައި އައު ޙަމަލާތަކެއް ދޭން ފަށާފައެެވެ. ފަހުގެ ދުވަސްތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައިވެއެވެ.

ޓްރަމްޕް މުހިންމުކަން ދެއްވާ އަނެއް ކަމަކީ މީގެ ކުރިން ޤާއިމް ކޮށްފައިވާ އަބްރަހަމް އެކޯޑްސްގެ ދަށުން އިސްރާއީލާއި ޢަރަބި ޤައުމުތަކާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކޮށް ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ޅާއްޞަކޮށް ސަޢުދީ ޢަރައްބިއްޔާއާއި އިސްރާއީލާ ދެމެދު މި ފަދަ ގުޅުމެއް އޮތުމަށް ޓްރަމްޕް އެދިވަޑައިގަންނަވައެވެ. ނަމަވެސް އެ ކަމަށް ވެސް ހުރަސް އެޅިފައި އޮތީ ނަތަންޔާހޫގެ ސަބަބުންެނެވެ. ޣައްޒާ ޢުދުވާން ނިމުމަކަށް ނުގެންނަހާ ހިނދަކު، އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ނެތް ނަމަ ޔަހޫދީންނާ ގުޅުން ބަދަހި ނުކުރާނެ ކަމަށް ސަޢުދީ ޢަރައްބިއްޔާއިން ދަނީ ބުނަމުންނެވެ. ނަމަވެސް މިއީ ނަތަންޔާހޫއަށް ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. ހަނގުރާމައިގެ ކަންކަން. ކުރިއަށް ގެންދާނެ ވަކި ރޭވުމެއް ވެސް ނެތެވެ. ހަނގުރާމަ ނިމުމުން ކަންތައް ވާންވީ ގޮތާ ބެހޭ ރޭވުންތަކެއް ވެސް ނުވެއެވެ. އެހެންކަމުން ކަންތައްތައް ޙާޞިލް ކުރުމަށް މިހާރު އޮތް ހުރަހަކީ ނަތަންޔާހޫއޭ ވެސް ބުނެވިދާނެއެވެ.

ޢީސްރާއީލާއެކު އޮޮންނަ ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ނަމަވެސް މިހާރު ފެންނަމުން ދަނީ ނަތަންޔާހޫގެ ބައިވެރި ކުރުމެއް ނެތި ގިނަ ކަންތައްތަކެއް ނިންމަވާ އެ ކަންކަމައިގެން ކުރިއަށް ވަޑައިގަންނަވާ މަންޒަރެވެ. ފަސް ޖެހުމެއް ނެތި މުއްސަނދި އަރަބި ޤައުމުތަކާއެކު އެމެރިކާއިން ގުޅުން ބަދަހި ކުރަމުން ދާއިރު، ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވި ޒިޔާރަތުގެ ސަބަބުން ދޭހަ ވަނީ ޢަރަބި ދުނިޔޭގައި މިހާރު އެންމެ ނުފޫޒު ގަދައީ ސަޢުދީ ޢަރަބިއްޔާ ކަމެވެ. މެދުއިރުމަތީގެ މައި ބާރު ކަމުގައި އޮތް އީރާނުގެ މަޤާމު ދަނީ ގެއްލެމުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ބިޔަ އިޤްތިޞާދާއި ފައިސާއާއި އިންވެސްޓުމަންޓުތައް އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުގެ މައްޗަށް މި ވަނީ ކުރި ހޯދައިފައެވެ.