ޚަބަރު

ސަރަހައްދީ ވިޔަފާރި ބަނދަރުތައް ތަރައްގީކުރަން ސަރުކާރުން ޚާއްސަ އަހަމިއްޔަތުކަމެއްދޭ: ވަޒީރު ސަޢީދު


  • ކުޅުދުއްފުށި ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ވަނީ ސޮއިކޮށްފައި

  • ސަރަޙައްދީ ބަނދަރުތައް ތަރައްޤީކޮށް، ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ވިޔަފާރި ބަނދަރުތައް ތަރައްގީކުރުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުވިގޮތަށް ކުޅުދުއްފުށި ސިޓީގެ ޕޯޓް ބޮޑު ކުރުމަށް ޓެކްނިކަލް ލެވަލްގައިވެސް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި ބަނދަރުން ވިޔަފާރީގެ ނަފާ އެންމެބޮޑަށް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރިކަމަށެވެ.

ސަރުކާރުން ސިޔާސަތާ އެއްގޮތަށް ލޮޖިސްޓިކް ނެޓްވޯކެއް ގާއިމުކުރުމުގެ ތަޞައްވުރެއް އެމްޕީއެލުން ގެންގުޅުއްވާ ކަމަށާއި، އެގޮތުން ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށްވެސް ސޮއިކުރެވިފައިވާއިރު، އދ. މާމިގިލީގެ ބަނދަރާއި، ލ. އަތޮޅާއި އައްޑޫގަ މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ވެސް އިތުރަށް ތަރައްގީ ކުރުމަށް އެމްޕީއެލްއާ މަޝްވަރާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ މަސައްކަތްތައް ބާރު ސްޕީޑުގަ ކުރިއަށްދާނެ، އެއާއެކު ދެން ހުރި ޕޯޓް ތަކުގެ މަސައްކަތްތަކުގަ ސޮއިކުރެވުމާއެއްކޮށް މަސައްކަތްތައް ކުރިއަށް ދާނެ" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މިމަޝްރޫޢަކީ ހއ، ހދ، ށ، ނ އަތޮޅުގެ ރަށްތަކަށްވެސް ޚިދުމަތް ލިބޭނެހެން އެސިޓީގައި އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރިއާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުންކަމަށާއި މިކަމުންވެސް އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި މަޝްރުޢުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ދައްކުވައިދެއެވެ.