ތަރައްްޤީ

ޖަޕާނުގެ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ކެނިޗި ސުގަނުމަ ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު ޤާއިމްކުރެވިފައިވާ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެ، މުސްތަޤްބަލުގައި ވެސް ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީގައި އެހީތެރިވެދެއްވަމުން ގެންދަވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނުގެ ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާ، އެމަނިކުފާނަށްފަހު ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރަށް ވެސް ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ އެއްބާރުލެއްވުމެއް ދެއްވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ދުވަސްތަކަކީ، ދިވެހިރާއްޖެއާއި ދިވެހި ސަރުކާރަށް ފާގަތި ދުވަސްތަކަކަށް ވުމަށް އެދިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާސިމްއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ