ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި އުސޫލުތަކަށް އިސްކަންދިނުން މުހިންމު: ނައިބު ރައީސް


  • ގޮންޖެހުންތަކާއެކުވެސް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ދެމިތިބޭނެ

  • ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތައް މިއަދު ހަގީގަތަކަށް ވަނީ ވެފައި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި އުސޫލުތަކަށް އިސްކަންދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދިޔަ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތައް މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އެހެންވެ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މިހާރުގެ ހާލަތަށްވުރެ ކުރިއަށް ވިސްނަންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ދެމިތިބޭނެ ކަމަށެވެ. އެގޮތުން، މިފަހުން ރާާއްޖޭން ތިންވަނަ ނޭޝަނަލް ޑިޓަރމިނޭޓެޑް ކޮންޓްރިބިއުޝަން، އެންޑީސީ އާއި 2024-2033އަށް އަމަލުކުރަން ނިންމާފައިވާ އެނާޖީ ރޯޑްމެޕް ތައާރަފުކުރައްވާފައިވާ ކަމަށް ނައިބު ވިދާޅުވިއެވެ. މި ޕްލޭނަކީ 2028ވަނަ އަހަރާހަމައަށް 33 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ އަމާޒާއެކު ތައާރަފުކޮށްފައިވާ ޕްލޭނެކެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގައި އެޅުނު މުހިންމި ފިޔަވަޅެކެވެ.

އުފެއްދުންތެރިކަމުގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ބްލޫ ޕްލެނެޓް އެލައަންސް ފެލޯޝިޕް ޕްރޮގްރާމްގެ ސަބަބުން އެފަދަ ޤައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އުފެއްދުންތެރި ހައްލުތައް ހޯދޭނެ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގެ ޒަރީއާއިން ޕޮލިސީ އެކްސްޕާޓުންނާއި ޔުޓިލިޓީ ލީޑަރުން ފަދަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ނައިބު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި ޕޮލިސީތަކާއި އެފަދަ ކަންކަމަށް މާލީ އެހީ ހޯދޭނެ ގޮތްތަކަށް ފޯކަސް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.