ޚަބަރު

މުލީ އެއަރޕޯޓާއެކު މުޅި އަތޮޅުގެ ތަރައްގީއަށް ކުރިއެރުން ލިބޭނެ: ރައީސް


  • ފަތުުވެރިކަމަށް މުލީ ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި

މުލީ އެއަރޕޯޓާއެކު މުޅި މުލަކަތޮޅުގެ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުލީ އެއަރޕޯޓުގެ ސަބަބުން އެރަށާއި މުޅި އަތޮޅަށްވެސް ކުރިއެރުމާއި ތަރައްގީގެ ރޮނގުން ގިނަ ކުރިއެރުންތަކެއްް ލިބޭނެކަމަށެވެ. އެގޮތުން، އެއަރޕޯޓް ވާނީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމުގެ ދޮރާއްޓަކަށް ކަމަށާއި އެ ރަށުގެ ފަތުުވެރިކަމަށް ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް އެންމެ މުހިންމީ އެއަޕޯޓުކަމަށާއި، ޓޫރިޒަމް މިނިސްޓްރީން ރައްޔިތުން އެދޭގޮތަށް އެ މަސައްކަތް ކުރިއަށްގެންގޮސް ވައުދު ފުއްދައިދޭނަކަމަށާއި، އަތޮޅުގެ ތަރައްގީއަށް ކުރިއަށްއޮތްތަނުގައި ގިނަ ކުރިއެރުންތައް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށެވެ. އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަކުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. ރައްޔިތުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެންދާން ސިއްޙީ ދާއިރާއިން. ވަރަށް ވަރަށް މުހިންމު މަޝްރޫއެއް އެއީ. އެހެންވީމަ އަޅުގަނޑުމެން ވާނީ މިދިޔަ އޭޕްރިލް މަހު އެ އިމާރާތް (ހޮސްޕިޓަލްގެ އައު އިމާރާތް) އެޅުމަށް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް، ޑަޔަލިސިސް ޚިދުމަތާއި މިފަދަ ކަންތަކަށް މުވައްޒަފުން ހޯދުމާއި މިފަދަ ގިނަ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 57 ރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މުލީގައި 300 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށެ. އެ މަޝްރޫއު ވެގެންދާނީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަޝްރޫއަކަށް ކަމަށާއި އެއަރޕޯޓުތައް ހަދައި ބިން ހިއްކާ ރަށްތަކަކީ ސަރަހައްދީ ތަރައްގީގައި މުހިންމު ރަށްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނާލާފުއްޓާއި މުއްޔާ ގުޅުވާލުމަކީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތަކީ އިޤްތިސާދީ މަސައްކަތެއް ކަމަށެވެ. ދެ ރަށް އެއްފަސް ކުރެވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށާއި މަޝްރޫއުގެ މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނާލާފުށީގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް ހުރިހާ ރަށަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެ ކަމަށެވެ.