ޚަބަރު

ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު %90 އަށް ބޮޑުކުރަނީ


  • މިހާރު ވިއްކަން ޖެހެނީ %60

  • ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ މަހުން ފެށިގެން

ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު %90 އަށް އިތުރު ކުރުމަށް އެ އޮތޯރިޓީން ނިންމަވައިފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެގޮތުން، އަންނަ މަހުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް 1 ޖޫން 2025 އިން ފެށިގެން އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ބަދަލު ގެނެސްފައިވަނީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ ވަކި މިންވަރެއް ރައްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާގޮތަށް މިފަހުން ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް 150 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ މާރުކޮށްފައިވެއެވެ.