ދުންފަތުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދަޢުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނޫންކަމަށާއި އެކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖެނެރޭޝަން ބޭން ގެނައުމަށް، ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީޤުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދުންފަތުގެ ވަބާއިން ސަލާމާތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނުނަށް މިދިޔަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު ގެންނެވި ފުރަތަމަ އިސްލާހަކީ ދުންފަތުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ އިސްލާހެވެ.
ޑިއުޓީއަށް ގެނައި ބަދަލާއެކު ދައުލަތަށް ވަންނަ އާމްދަނީއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތުން ޑިއުޓީ ބޮޑުކުރީ ދަޢުލަތުގެ އާމްދަނީ އިތުރުކުރުމަށް ނޫންކަމަށާއި އެއީ އާމްދަނީއެއް ދަޢުލަތަށް ހޯދަން ބޭނުންވާވެސް ދާއިރާއެއް ނޫންކަމަށެވެ. ދުންފަތް އެއްކޮށް މަނާ ނުކުރާހާ ހިނދަކު، ވިޔަފާރިއަށް އެތެރެކުރާނަމަ އެ އާމްދަނީ ދަޢުލަތަށް ވަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާއްމު ސިއްޙަތު ކުރިއަރުވުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްކަމަށްކަމަށެވެ.
"ދުންފަތުން އާމްދަނީއެއް ނުވިއްޔާ ރަނގަޅީ. ނުވިސްނަން އާމްދަނީ ހޯދާކަން. ލިބޭ އާމްދަނީވެސް ހޭދަކުރާނީ އާއްމު ސިއްޙަތި ކުރިއެރުވުމުން. ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް. އެއްކޮށް މަނާ ނުކުރާހާ ހިނދަކު ލިބޭ އެއްޗެއް އެއީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖެނެރޭޝަން ބޭންގެ އިސްލާހަށް 1 ނޮވެމްބަރުގައި ޢަމަލުކުރަން ފަށާއިރު، އެކަމަށް ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރިކަމަށެވެ. އޭގެތެރޭގައި އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތަކަށްވަނީ ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ. މީގެއިތުރުން ތަންފީޒީ އިދާރާތަކުގެ ކެޕޭސިޓީ އިތުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
"އެވެއަރނަސްއާއި ތަންފީޒީ ބައި ވަރުގަދަކުރާނަން. ބޭނުންވަނީ ސަރުކާރުން ކުރާ މަސައްކަތުން ހިތްވަރުދީ، މުޅި މުޖުތަމަޢުއިން މިކަމަށް އަމިއްލައަށް ބޭނުންވެގެން ދުންފަތުގެ ވަބާއިން ދުރުވުމަށް މަސައްކަތްކުރުމުގެ ރޫހު އުފެއްދުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ތަސްދީގުކުރެއްވި ބިލުގައިވާގޮތުން މިދިޔަ އަހަރުގެ 1 ނޮވެމްބަރުން ފެށިގެން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. ކުރިން ސިނގިރޭޓާއި ބިޑިން ނަގަމުން އައީ 25 ޕަސެންޓް ޑިއުޓީ އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާއެވެ. މީގެއިތުރުންވެސް ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ތަކެތި އެތެރެކުރުމުގެ ޑިއުޓީތައްވެސް ބޮޑުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސިއްޙީ ދާއިރާއިން ކުރަންހުރި މަސައްކަތްތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅުއްވާނެކަމާއި، އިސްކަންދެއްވާ ޚާއްސަ ގިނަ މަސަކަތްތަކެއް އެ ދާއިރާއިން ކުރައްވާނެކަމަށެވެ.