މުލަކަތޮޅު ރަތްމަންދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ރަތްމަންދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަތްމަންދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. ރަށު ކައުންސިލުގެ ފަރާތުން މިކާޑާ ހަވާލުވެވަޑައިގެންނެވީ މަޑުއްވަރި ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޚަލީލެވެ.
ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވަކި ރަށެއް ތަފާތުކުރުމެއް ނެތި، ހުރިހާ ރަށެއްގައިވެސް އެޓީއެމް ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. މިއާއެކު މިރަށުގައިވެސް ޚިދުމަތް ފެށުމަކީ ލިބިގެންދާނެ ލުޔެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަތްމަންދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެކެވެ.
މުލަކަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. ރަތްމަންދޫއާއެކު މިއަދުވަނީ 3 ރަށުގައި މިޚިދުމަތް ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ހއ، ދ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.