ކުޅިވަރު

މަހިބަދޫން ނިއު ރޭޑިއަންޓް ހުއްޓުވައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގެ ލީގު ބުރުގެ ފަހު މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއެކު ލީގުކަޕުގެ ލީގު ބުރުގެ ކުޅުން ނިމުނު އިރު 10 ޕޮއިންޓާއެކު އެއްވަނަ ހޯދީ ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ނިއު ރޭޑިއަންޓަށް ދެވަނަ ލިބުނީ 7 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ އޮޑި ސްޕޯޓްސް ކުލަބު ނިންމާލީ 5 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ސްޕޯޓްސް ކުލަބަށް ހަތަރު ވަނަ ލިބުނީ 4 ޕޮއިންޓާއެކުވެ. އެންމެ ފުލުގަ އޮތް މަހިބަދޫއަށް ލިބުނީ އެއް ޕޮއިންޓެވެ.

މެޗަށް ނުކުތް އިރު ވެސް ލީގުބުރުގެ ދެވަނަ ޔަގީންކޮށްފައިވާ ނިއުއިން މެޗުގެ ފުރަތަމަ ހާފުގައި ބޯޅަހިފަހައްޓައިގެން ގިނަވަގުތު ކުޅުނު ނަމަވެސް މާ އެދެވޭ ހަމަލާތަކެއް އެޓީމަށް ވަނީ ތަނަވަސްކުރެވޭގޮތް ނުވެފައެވެ. މަހިބަދޫ ކަޓާފަ އޮތް ނަމަވެސް އެޓީމުން ވަނީ ދިފާއަށް ވިސްނައިގެން ނިއުގެ ކުޅުންތެރިން ހުއްޓުވާފައެވެ.

މެޗު ފަށައިގެން އެންމެ ރަނގަޅު ފުރުސަތެއް ލުބުނީ ހަވަނަ މިނިޓުގައި ނިއުގެ ގާނާ ފޯވާޑް ރަފީގް އަމީނޫ އަށެވެ، އޭގެ ފަހުން ބިދޭސީ ދެކުޅުންތެރިން ކަމަށްވާ ތޯރިގް ޖެބްރީން ނަގައިދިން ބޯޅައެއް އޭރިޔާ ތެރެއިން ފަރްގްތޯން ހަސަންބޮއޭވްއަށް ވަނީ އެދެވޭ ގޮތެއްގައި ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ނިއުއިން ޖެހި ފުރަތަމަ ލަނޑަކީ ރަފީގް ޕެނެލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލަން އުޅުނު ބޯޅައެއް މަހިބަދޫ ކުޅުންތެރިޔާ ހުއްޓަވަން އުޅުމުގެ ތެރޭގެ ލިބުނު ޕެނެލްޓީއަކުން ތޯރިގް ކާމިޔާބުކޮއްދިން ލަނޑެކެވެ. މި ލަނޑު އޭނާ ޖެހީ މެޗު 21 ވަނަ މިނިޓުގައިއެވެ.

އެފަހުން ނިއުގެ ރަފީގް ލަނޑެއް ޖެހި ނަމަވެސް އޭނާ ބޯޅަ ގޯލަށް ފޮނުވާލި އިރު ހުރީ އޮފްސައިޑުގައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފަ ވަނިކޮށް ނިއުގެ ޕެނެލްޓީ އޭރިޔާ ތެރެއިން މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗާރޑްސް) ފޮނުވާލި ބޯޅައެއް ނިއުގެ ކީޕަރު ހަސަން ތޮލާލް ވަނީ ދިފާއުކޮއްފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މަހިބަދޫގެ އަލީ ނަސޫހު ރަޝީދު އޭރިޔާ ތެރެއިން ބޯޅަ ހިފައިގެން ދަނިކޮށް ހަސަން ލައުހު ކުރި ފައުލަކަށް ރެފްރީ ޕެނެލްޓީއެއް ދިންއިރު މި ޕެނެލްޓީ ޝުއައިދް ސައީދު ފުރަތަމަ ޖެހުމުން ތޮލާލް މަތަކުރި ނަމަވެސް ރީބައުންސްވެގެން އައި ބޯޅަ ދެވަނަ ފަހަރު ޝުއައިދު ގޯލަށް ވައްދާލީ ހާސްކަމެއް ނެތިއެވެ.

މެޗުގެ ދެވަނަ ހާފު ނުއިން ފެށީ ހަތަރު ބަދަލަކާ އެކުއެވެ. ނަތީޖާއެއްގެ ގޮތުން އެޓޭކްތައް ރަނގަޅުވެ ކުޅުން އަވަސްވެގެން ދިޔައިރު މިހާފުގައި ޔަޝްފާދު ހަބީބު ވަނީ ފުރަތަމަ މިނިޓުގެ ތެރޭގަ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އަނެއްކާވެސް ނިއުއަށް ލީޑު ނަގައިދީފައެވެ.

މިހިބަދޫ އިން ނަތިޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނިޓުގައި ޝުއައިދް އޭރިޔާ ތެރެއިން ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. މެޗުގެ 78 ވަނަ މިނޓުގައި ނިއުގެ އަލީ ޝިޔާހް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވީއިރު މެޗުގެ އިތުރު ވަގުތުގައި މަހިބަދޫގެ އަހަމަދު ޝިޔާހު ފޮނުވާލި ހަމަލާއެއް ވަނީ ނިއުގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މުބާރާތުގައި ސެމީ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު ހަވީރު މާޒިޔާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެރޭ އޮޑި ސްޕޯޓްސް ކުލަބު ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.