ޚަބަރު

"ރައީސްގެ އަމާޒަކީ އުފެއްދުންތެރިކަމުގެ މައުރަޒު ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކުރެއްވުން"


  • އެކްސްޕޯ 2025 ފަށާނީ މާދަމާ

  • އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވާނީ އުފެއްދުންތެރިކަމުގެ މައުރަޒު އަހަރުން އަހަރަށް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ މައުރަޒަކަށް ހެއްދެވުމަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.

6 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބާއްވަވާ މައުރަޒެކެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވަވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވީ މައުރަޒުގައި ހިމެނެނީ ވާދަކުރުމުގެ ބަޔަކާއި އުފެއްދުންތައް ދައްކާލުމުގެ ބައިކަމަށެވެ. ވާދަކުރުމުގެ ބައިން 3000 އަށްވުރެ ގިނަ އުފެއްދުން މި މައުރަޒުން ފެނިގެންދާނެކަމަށާއި އަދި ދައްކާލުމުގެ ބައިންވެސް ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ސިޔާޒު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ސިޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޢްޒުގެ ސިޔާސަތަކީ އަހަރުން އަހަރަށް މި މައުރަޒު އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުންކަމަށެވެ.

"ރައީސްގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އަހަރުން އަހަރަށް ފުޅާކުރެވިގެންދާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބައިވެރިވާ މައުރަޒެއްގެ ގޮތުގައި މި މައުރަޒު ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި." އަބްދުﷲ ސިޔާޒް ވިދާޅުވިއެވެ.

މައުރަޒުގައި ގިނަ އަދަދެއްގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މި މައުރަޒުގައި ބައިވެރިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މައުރަޒުގައި 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ޑިސްޕްލޭކުރަން ހުޅުވާލިއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.