އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދެ ޤައުމުގެ މަންދޫބުން ވެސް ވިދާޅުވެއްޖެއެވެ.
އިޓަލީވިލާތުގެ ރޯމްގައި ބޭއްވި މި މަޝްވަރާތަކުގެ ފަސް ބަނަ ބުރު މިހާރު ނިންމާލާފައިވާއިރު، އީރާނުގެ ވަފްދުގައި އިސްކޮށް ހުންނެވި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ، މި މަޝްވަރާތަކަށް ގިނަ ހުށަހެޅުންތަކެއް ހުށަހެޅި، ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ޢަރާޤްޗީ ވިދާޅުވީ، ދެ ފަރާތުން ވެސް ހުށަހެޅި ހުށަހެޅުންތައް މުރާޖަޢާ ކުރުމަށްފަހު، މަޝްވަރާތަކުގެ އިތުރު ބުރެއް ތާވަލުކުރެވޭނެ ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ދެ ގަޑިއިރަށް ދިގުލައިގެންދިޔަ މަޝްވަރާތަކުގައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ވަރަށް ގިނަ މަސައްކަތް ކުރަންހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
ޔުރޭނިއަމް މުއްސަނދި ކުރާ މިންވަރު މަދު ކޮށް، މިހާރު ރައްކާކޮށްފައި ހުރި ޢަދަދު މަދު ކުރުމަށް އީރާނަށް އެއްބަސްވެވިދާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް ދަށް ކުރެވޭނީ މީގެ ކުރިން އެމެރިކާގެ ވެސް ބައިވެރިވުމާއެކީ ޤާއިމް ކުރި 2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުމުގައިވާ މިންވަރަށްވުރެ ދަށް މިންވަރަކަށް ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއިން މީގެ ކުރިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ.
އީރާނުން މުއްސަނދިކުރާ ޔުރޭނިއަމްގެ މިންވަރު މަދު ކުރުމަށް އެ ޤަައުމުން ހުށަހަޅަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް އެމެރިކާއިން މި ގޮތެއް ބޭނުމެއް ނުވެއެވެ. އޭގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް ދެ ފަރާތަށް އެއްބަސްނުވެވި އޮތް ބޮޑު މައްސަލައެކެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު މަޑުޖައްސައިލުމުގެ ބަދަލުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އީރާނުން ޝަރުތުކުރެއެވެ. އަދި އީރާނާއެކު ޤާއިމް ކުރާ އެއްބަސްވުމަކުން ވަކި ނުވާނެ ކަމުގެ ޔަޤީންކަން ވެސް އީރާނުން ބޭނުންވެއެވެ. އެއްބަސްވުމެއް ޤާއިމް ނުކުރެވޭ އެއް ސަބަބަކީ އެ ފަދަ ލުއިތައް ދިނުމަށް އެމެރިކާއިން އެއްބަސްނުވުން ކަމަށް މަސްދަރުތަކުން ބުނެއެވެ.