މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.
އެކަމަށްޓަކާ ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޤިޔާސް، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަފްލާގައި އޮރެންޖް ހިޔާއަށް އަލަށް ބަދަލުކުރެވުނު މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި، ތެލެސީމިއާ އެންޑް އަދަރ ހިމޮގެލޮބިނޮޕަތީސް ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު، އެތަންތަނުގައި ހުރި ވަސީލަތްތަކާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އިންތިޒާމްތައް ރައީސް ވަނީ ބައްލަވާލައްވާފައެވެ.
މި ސެންޓަރަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސިފައިން މަސައްކަތްކޮށްގެން ނިންމާ، ހުޅުވާފައިވާ ސެންޓަރެކެވެ.
މި ސެންޓަރު ޤާއިމުކޮށްފައިވަނީ އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައެވެ. މި ސެންޓަރާއެކު ދެމެހެއްޓެނިވި ރައްކާތެރި ފަރުވާގެ މާހައުލަކަށް އެތައް ތެލެސީމިއާ ކުދިންނަކާއި އާއިލާތައް ކުރަމުންދިޔަ އިންތިޒާރު މިވަނީ ނިމުމަކަށް އައިސްފައެވެ. މިތަނުގައި ޖާގަތަނަވަސް ހިތްގައިމު ފަރުވާ ދިނުމުގެ އިންތިޒާމު ވަނީ ޤާއިމުކޮށްފައެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި ތެލެސީމިއަރ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރު މިމަހުގެ 8 އިން ފެށިގެން މާލެ ސިޓީ ގްރޫޕްއޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކޮށްފައިވާއިރު، މިސެންޓަރުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އެޅުމަށް ދުރުވާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވާޑެއް ވަނީ ޤާއިމުކޮށްފައެވެ.
މި ވާޑްގައި 12 އެނދު ހިމެނޭއިރު، މިތަން ފަރުމާކޮށްފައިވަނީ އެހީތެރިޔާއަށްވެސް ބަލިމީހާ ގާތު ފަސޭހައިން ވަގުތު ހޭދަކޮށްލެވޭނެ ފަދަގޮތަކަށެވެ. މީގެ އިތުރުން ތުއްތު ކުދިންނާއި ރައްޓެހި މާހައުލެއް ޤާއިމްކޮށް އެކުދިންނަށް ޚާއްސަ 6 އެނދުގެ ވާޑަކާއި، އަންހެން ބޭފުޅުންނަށް ޚާއްސަ 7 އެނދުގެ ވާޑެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ސެންޓަރުގައި ޤާއިމުކޮށްފައިވާ ވޯޑުތައް ބައްލަވާލެއްވުމުގެ އިތުރުން ރައީސް ވަނީ މި ސެންޓަރުގެ ވެއިޓިންގ އޭރިއަރ އަދި ރިސެޕްޝަން އޭރިއަރވެސް ބައްލަވާލައްވާފައެވެ. މިތަނުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ވަނީ ޤާއިމުކޮށްފައެވެ. ހަމައެހެންމެ ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ވަނީ ޤާއިމުކޮށްފައެވެ.
މި ސެންޓަރުން ކޮންސަލްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 20:30 އަށް ލިބެން ހުންނާނެއެވެ. ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ސެންޓަރަށް ގޮސް ސްކްރީނިންގ ހެދުމަށްފަހު ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ރޭގަނޑު 19:30 އާއި ހަމައަށް ލޭ ހަދިޔާ ކުރެވޭނެއެވެ. މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއަރ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބިގެންދާނެއެވެ.
ހަމައެހެންމެ ބަލިމީހުން އަދި އާއިލާތަކަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ކައުންސެލިންގ ރޫމެއްވެސް މިތަނުގައި ޤާއިމުކޮށްފައިވެއެވެ. ތެލެސީމިއާ އަދި ލޭގެ އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް އަދި އާއިލާތަކަށް މި ސެންޓަރުގެ އެހީގައި ވަށާޖެހޭނެ ފަދަ ފަރުވާއެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއެކެވެ.