ޚަބަރު

އިމިގްރޭޝަނުގެ ވޯކް-އިން އިންޓަވިއުތަކަށް 861 މީހުން، 758 މިހުންގެ ޝަރުތުހަމަވޭ


  • 50 މަގާމަކަށް މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައި

މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާތަކަށް ވޯކް-އިން އިންޓަވިއުތަކަށް ހުޅުވާލުމުން 861 މީހުން އިންޓަވިއުގައި ބައިވެރިވިކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި 50 މުވައްޒަފުން ނެގުމަށް ވޯކް-އިން އިންޓަރވިއު ކުރިއަށްދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ގަލޮޅު ސްކޫލްގައި ކުރިއަށްގެންދިޔަ މި އިންޓަވިއުތަކުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށެވެ. އެގޮތުން، ޖުމްލަ 861 މީހަކު އިންޓަވިއުގައި ބައިވެރިވި ކަމަށް ވިދާޅުވިއެވެ.

އިންޓަވިއުގައި ބައިވެރިވި މީހުންގެ ތެރެއިން ވަޒީފާގެ ޝަރުތު ހަމަވަނީ 758 މީހެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އިންޓަވިއުގެ މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނަށް މުވައްޒަފުންގެ ގޮތުގައި އަލަށް ނަގާ މުވައްޒަފުންނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރުމަށް ޚާއްސަކޮށް ތަމްރީނުކުރާނެ މުވައްޒަފުންނެވެ. އެއަޕޯޓްގައި މަސައްކަތް ކުރުމަށް އިމިގްރޭޝަން އޮފިސަރުން ނެގުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، މިއަހަރުގެ ފަހުކޮޅު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޕަސެންޖަރ ޓާމިނަލް ހުޅުވަން ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްއާ ކަސްޓަމްސްއިންވެސް ދަނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.