ޚަބަރު

ހައިކޯޓުން ނެރުއްވި އަމުރު ސުޕްރީމް ކޯޓުން ބާޠިލް ކުރައްވައިފި


މަރުގެ އަދަބު ތަންފީޛުކުރުން ފަސްކުރެއްވުމަށް ހައިކޯޓުން އިއްޔެ ނެރުއްވި އަމުރު ސުޕްރީމްކޯޓުން ރޭ ބާޠިލް ކުރައްވައިފިއެވެ.

ހައިކޯޓުން އިއްޔެ ހަވީރު ނެރުއްވި ވަގުތީ އަމުރުގައި ވަނީ، އަމިއްލަ ޖަމްޢިއްޔާއަކުން އެކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒް ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށެވެ. އެ ޖަމިއްޔާއިން ހުށައެޅި މައްސަލާގައި އެދިފައިވަނީ މަރުގެ އަދަބު ތަންފީޛުކުރުމަށް އެކުލަވާލައްވާފައިވާ ޤަވައިދުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް އެދިއެވެ.

ހައިކޯޓްގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅުއްވާ ރޭ ސުޕްރީމްކޯޓުން ނެރުއްވި އަމުރުގައި ވަނީ މަރުގެ އަދަބު ތަންފީޛުކުރުމުގައި އަމަލުކުރަންވީގޮތުގެ ޤަވާއިދުގެ ދުސްތޫރީ ޙައިސިއްޔަތާމެދު އެއްވެސް ކޯޓެއްގައި ޤާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތްކަމަށެވެ. އަދި ސުޕްރީމްކޯޓުން ނިންމާ ނިންމެވުމަކީ އެންމެފަހުގެ ނިންމެވުންކަމަށާއި މަރުގެ އަދަބު ތަންފީޛުކުރުމުގެ ޤަވައިދާ ގުޅިގެން ހައިކޯޓުން ބަލައިގެންގަތުމަކީ ޤާނޫނޫ އަސާސީއާއި ޙިލާފު އަމަލެއްކަމަށެވެ.

މަރުގެ އަދަބު ތަންފީޛުކުރުން ފަސްކުރުމަށް އަންގާ ހައިކޯޓުން ނެރުއްވި އަމުރަކީ އޭގެ ޒާތުގައިވެސް ބާޠިލު ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއްކަމަށް ކަނޑައަޅުއްވާ ހައިކޯޓުގައި ހިންގަވަމުން ގެންދެވި މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް އެކަން ހައިކޯޓަށާއި އަދި ކަމާއި ބެހޭ އެންމެހައި ފަރާތަކަށް  އަންގަވާ އަމުރުކުރައްވާކަމަށްވެސް ސުޕްރީމްކޯޓުން ރޭ ނެރުއްވި އަމުރުގައިވެއެވެ.

ސުޕްރީމްކޯޓުން ހައިކޯޓްގެ ނިންމެވުން ބާޠިލުކުރައްވާފައި މިވަނީ އެފަދަ އަމުރެއް ނެރެން ނުޖެހޭކަމަށް ވިދާޅުވެ މަރުގެ އަދަބު ތަންފީޛުކުރުމުގެ ޤަވައިދު ދިފާއުކުރައްވާ ދަޢުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުން ހައިކޯޓްގައި ވަކާލާތުކުރައްވާފައިވަނިކޮށެވެ.

ސުޕްރީމްކޯޓުގެ އަމުރާއިއެކު ހައިކޯޓުން ބައްލަވަމުން ގެންދެވި މައްސަލަ ހުއްޓުމަކަށް އަންނާނެއެވެ.

ޑރ އަފްރާޝީމް އަލީގެ ޤާތިލު ހ ލޮބީ ހުސެއިން ހުމާމްއާއި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ޤާތިލު މ.މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ކަނޑައަޅުއްވާ އެޙުކުމް ތަންފީޛުކުރެއްވުމަށް ސުޕްރީމްކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ.