ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބާ ގުޅިގެން ގައުމުގެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ. ތުރުކީވިލާތުގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނާނީ އެހާ ބޮޑު ބަދަލުތަކެއް ނޫންކަމަށާ ބަދަލުގެނައުމުގެ ބޭނުމަކީ އިންގިލާބުތަކުން ގައުމުގެ ވެރިކަމުގެ ނިޒާމު ސަލާމަތް ކުރުމާއި ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ބާރުއެޅުން ކަމަށެވެ.
ތުރުކީވިލާތުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ ބެހޭގޮތުން އިދިކޮޅު ޕާޓީތަކާއެކުވެސް ސަރުކާރުން ވާހަކަ ދައްކާފައިވާ ކަމަށާ އެކަމަށް އެއްބާރުން ދިނުމަށް އެޕާޓީތަކުންވެސް އެއްބަސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތުރުކީވިލާތުގެ ގާނޫނު އަސާސީ މިހާރުއޮތީ ޑިމޮކްރަސީއަށްވުރެ ބޮޑަށް ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ކަމަށެވެ. ގާނޫނު އަސާސީ އަށް ބަދަލުތައް ގެންނަނީ ސިފައިންގެ މުއައްސަސާއަށް ލިބިފައިވާ ދުސްތޫރީ ބާރުތައް ކަނޑުވާލައި ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑިމޮކްރަސީގެ އުސޫލުތައް މިހާރަށްވުރެ ބޮޑަށް ވެއްދުމުގެ ބޭނުމުގައި ކަމަށްވެސް ޔެލްޑްރިމް ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ނަމަވެސް ގާނޫނު އަސާސީއަށް ބަދަލުގެނެވޭނީ އިދިކޮޅު ޕާޓީތަކުގެ ވޯޓުވެސް ލިބިގެނެވެ. މިމައްސަލާގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންދަވަނީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. މިގޮތުން ހޯމަދުދުވަހު އުރުދުޣާން ވަނީ ތުރުކީވިލާތުގެ އެންމެ ބޮޑު އިދިކޮޅު ދެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ ގެ ރައީސް އާއި ނެޝަނަލް މޫމެންޓް ޕާޓީގެ ރައީސާ ބައްދަލުކުރައްވާފައެވެ. އަދި އިތުރު ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެކަންވެސް އުރުދުޣާންވަނީ ހާމަކުރައްވާފައެވެ.
ތުރުކީވިލާތަކީ އެގައުމުގެ ސިފައިން ބޭނުންވެއްޖެ ހިނދެއްގައި އަސްކަރީ އިންގިލާބުތައް ގެނަސް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމުގެ ތާރީޚެއް އޮތް ގައުމެއްކަމުން އިންގިލާބުތަކުން ގައުމުގެ ވެރިކަމުގެ ނިޒާމު ސަލާމަތް ކުރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކުންވެސް ތާއީދުކުރެއެވެ. އަނެއްކޮޅުން ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެން ތުރުކީވިލާތާ ހަވާލުކުރުމަށް އެމެރިކާ ދެކޮޅު ހަދާނަމަ އެމެރިކާއާއި ތުރުކީވިލާތުގެ ގުޅުންތައް ގޯސްވެދާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވަނީ ދެއްވާފައެވެ.
އޭނާ ވިދާޅުވީ ފަތްހުﷲ ގުލެން ގެ މައްސަލާގައި ތުރުކީ ސަރުކާރު ވަރަށް ސީރިއަސް ކަމަށާ މިކަން އެމެރިކާ ދަންނަން ޖެހޭނެކަމަށެވެ. ފަތްހުﷲ އާ ދެކޮޅަށް ތުރުކީވިލާތުން އެމެރިކާ ސަރުކާރަށް ފޮނުވި ހެކިތަކާގުޅިގެން ވައިޓް ހައުސް އިން ބުނެފައިވަނީ އެހެކިތައް ދިރާސާކުރަމުން ގެންދާކަމަށެވެ. ނަމަވެސް ފަތްހުﷲ ތުރުކީވިލާތާ ހަވާލުކުރާނެކަން ނުވަތަ ނޫންކަން އެމެރިކާ އަދި ހާމަކޮށްފައެއް ނުވެއެވެ.