ޚަބަރު

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް: އެމްޕީއެލް ބަލިކޮށް ސްޓެލްކޯ ފައިނަލަށް


ކުޅިވަރު ވުޒާރާއާއި ވަން ގޭމް ގުޅިގެން ހުޅުމާލޭގައި ކުރިޔަށް ގެންދާ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގައެއް ސްޓެލްކޯއިން ހޯދައިފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގައި ސްޓެލްކޯ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 2-1 ން އެމްޕީއެލް ބަލިކުރުމަށްފަހުއެވެ.

ދެޓީމުން ވަރަށް ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 19-13 ސްޓެލްކޯއެވެ. ދެވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް ހަލުވި ޕާސްތަކާއެކު 20-9 ގެ ބޮޑު ތަފާތަކުން ގެންދިޔައީ އެމްޕީއެލުންނެވެ. ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުނީ ޝޫޓްއައުޓް ސެޓެއް ކުޅެގެންނެވެ. މި ސެޓު ވަރަށް ހަނި ފުރުސަތަކުން އެންމެ ޕޮއިންޓެއްގެ ލީޑަކާއި އެކު ކާމިޔާބުކުރީ ސްޓެލްކޯއިންނެވެ.

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ސެމީއަށް ސްޓެކްލޯ ދަތުރުކުރީ 2-0 ގެ ނަތީޖާއަކުން ކުޅިވަރު ވުޒާރާގެ ޓީމު ބަލިކޮށްގެންނެވެ.

މިއަދު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުން 12 ޓީމަކުން ވާދަކުރެއެވެ.