ޚަބަރު

ބާލީގައި ފެރީއެއް ބަންޑުން ޖަހާލައި ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިއްޖެ


ފަތުރުވެރިންގެ މެދުގައި މަޤުބޫލު އިންޑޮނީޝިއާގެ ބާލީ ކައިރީގައި ދަތުރުކުރަމުންދިޔަ ފެރީއެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެއެވެ.

ބާލީގެ އީސްޓް ޖާވާގެ ބަންޔޫވާންގީ ބަނދަރުން، 65 މީހުން ގޮވައިގެން ދަތުރުކުރި ފެރީ ބަންޑުންޖަހައިލި ހާދިސާގައި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ބުންޏެވެ.

ހެލިކޮޕްޓަރު ވެސް ބޭނުންކޮށްގެން، މިހާތަނަށް 35 މީހަކު ސަލާމަތް ކުރެވިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސުރަބަޔާ ސަރޗް އެންޑް ރެސްކިއުގެ ވެރިޔާ ނަނަންގް ސިގިޓް ވިދާޅުވީ، ބޯޓު ބަންޑުން ޖަހާލާފައި އޮތުމުން، އޭގެ ދަށުވެފައި މީހުން ތިބުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ނަމަވެސް، މި ވަގުތު އެންމެ އިސްކަމެއް ދެނީ، ކަނޑުވެފައިތިބި މީހުން ސަލާމަތް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި ފަސް މީހުންގެ ހަށިގަނޑު މިހާރު އާއިލާއާ ޙަވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު މޫސުން ރަނގަޅުވެފައިވާތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ލިބިފައެވެ.

ބަނިއުވަންގީގެ ފުލުހުންގެ ވެރިޔާ ރާމާ ސަމްތަމާ ޕުޓްރާ ވިދާޅުވީ، އެތައް އިރަކު ކަނޑުވެފައި ތިބުމުގެ ސަބަބުން، ސަލާމަތްކުރި ގިނަ މީހުންގެ ހޭވެސް ނެތް ކަމަށެވެ.

މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާގައި ހުންނެވި، އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ މި ހާދިސާއާ ގުޅިގެން އަވަސް އޮޕަރޭޝަނެއް ހިންގުމަށް އިދާރާތަކަށް އަންގަވާފައިވާ ކަމަށް ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖާޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވީ، މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 17،000 ރަށް ހިމެނޭ ޖަޒީރާ ޤައުމެއް ކަމަށްވާ އިންޑޮނީޝިއާގައި ކަނޑުގެ މިފަދަ ހިތާމަވެރި ހާދިސާތައް އާންމުކޮށް ހިނގައެވެ. ސަލާމަތީ އާލާތްތައް ނެތި، ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް މީހުން އަރުވައިގެން މި އުޅަނދުތައް ދަތުރުކުރާކަމުގެ ޝަކުވާ އަބަދުވެސް ކުރެވެއެވެ.

މިގޮތުން، މިދިޔަ މާޗް މަހު، ބާލީގައި ކަނޑުގަދަވެ، 16 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައި އޮސްޓްރޭލިއާގެ އަންހެނަކު މަރުވެ، އިތުރު މީހަކު ޒަޚަމްވެފައިވެއެވެ.

2018 ވަނަ އަހަރު ސުމަޓްރާގައި ފެރީއެއް ބަންޑުންޖަހާލައި، 150 އަށް ވުރެ ގިނަ މީހުން ގެނބިގެން މަރުވެފައިވެއެވެ.