ޚަބަރު

އީރާނުގެ ނިޔުކްލިއަރ މަޝްރޫޢު ފަހަތަށް ޖައްސާލެވުނީ ގިނަވެގެން ދެ އަހަރަށް: ޕެންޓަގަން


މީގެ ދިހަ ދުވަސް ކުރިން އެމެރިކާއިން އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ސަބަބުން އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު ފަހަތަށް ޖައްސާލެވުނީ ގިނަވެގެން ދެ އަހަރަށް ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަނުން ބުނެފިއެވެ. އެއާއެކު އެމެރިކާއިން އީރާނަށް ދިން ޙަމަލާގެ މަޤްސަދު ޙާޞިލްވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސްއެޅުމަށް ކަމަށް ބުނެ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ފަނާކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.

އެމެރިކާއިން ދިން ޙަމަލާއަށް ފަހު ލީކުވި ބައެއް ލިޔެކިޔުންތަކުަގައި ފުރަތަމަ ބުނީ ބިމު އަޑީގައި، ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށެވެ. އޭރު ބެލެވުނީ ޙަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ފަހަތަށް ޖައްސައިލެވުނީ އެންމެ ދެތިން މަހަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވެސް ވަނީ މަދު މަސްކޮޅެއްގެ ތެރޭގައި އީރާނަށް އަނެއްކާ ވެސް ޔުރޭނިއަމް މުއްސަނދިކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވުމުން އެމެރިކާގެ ޙަމަލާތަކުގެ ކާމިޔާބުކަމާމެދު ވަނީ އިތުރަށް ސުވާލު އުފެދިފައެވެ.

ނަމަވެސް ޕެންޓެގަންގެ ތަރުޖަމާނު، ޝޯން ޕާނެލް ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި އީރާނުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހަށް ފަހަތަށް ޖައްސާލެވިފައިވާ ކަމަށެވެ. އޭގެ ތަފްޞީލެއް އޭނާ ދެއްވާފައެއް ނުުވެއެވެ.

އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދިން ޙަމަލާގައި 13،600 ކިލޯގެ 12އަށްވުރެ ގިނަ ބިންގަރާސް ފޫއަޅުވާލެވޭ ވަރުގެ މިސައިލް ވަނީ ބޭނުންކޮށްފައެވެ. އަދި 24އަށްވުރެ ގިނަ ޓޮމަހޯކް މިސައިލް ވެސް ބޭނުންކޮށްފައިވެއެވެ. ޓްރަމްޕް ކުރިން ވިދާޅުވި ފަދައިން ޕާނެލް ވެސް ވިދާޅުވީ އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ފަނާވެފައިވާ ކަމަށެވެ.

ގިނަ ތަޖުރިބާކަރުން ޤަބޫލުކުރާގޮތުގައި އެމެރިކާގެ ޙަމަލާގެ ކުރިން އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ވަނީ އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ނަަމަވެސް އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ އެ ފަދަ އެއްވެސް މަޢުލޫމާތެއް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޖީ ވަނީ އެމެރިކާގެ ޙަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ފޫރްދޫގައި ކަންތައްތައް ހިންގީ ކިހިނެތް ކަމެއް އެއްވެސް ފަރާތަކަށް ނޭނގޭ ކަމަށާއި އެނގޭހާ ވެސް އެއްޗަކީ މަރުކަޒުތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.