ސަޢުދީ ޢަރަބިއްޔާގެ މާތްވެގެންވާ މަސްޖިދުލް ޙަރާމުގައި މިއަދު ކިޔާ ހުކުރު ހުތުބާ 35 ބަހަކަށް ތަރުޖަމާކުރާނެ ކަަމަށް ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުން ބުނެފިއެވެ. މިއީ މަސްޖިދުލް ޙަރާމުގައި ކިޔާ ހުކުރު ހުތުބާއެއް 35 ބަހަށް ތަރުޖަމާކުރާ ފުރަތަމަ ފަހަރެވެ.
މިއަދުގެ ހުކުރު ހުތުބާ ދެއްވާނީ ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުގެ ރައީސް، ޝައިޚް އަބްދުއް ރަޙްމާން އައް ސުދައިސްއެވެ. ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ ވެސް ޝައިޚް ސުދައިސްއެވެ.
ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުގެ ފަރާތުން ފަހީމް އަލް-ހާމިދު ވިދާޅުވީ ގިނަ ބަސްތަކަކަށް ހުކުރު ހުތުބާ ތަރުޖަމާކުރުމަށް ނިންމީ އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކުރުމުގައި އޮތް ފަރަގު ކުޑަކުރުމަށް ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ ދެމެދުގައު އެ ބައެއްގެ ސަގާފަތާއި ހަޟާރާތްތައް ޙިއްޞާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
ހުތުބާދޭ ވަގުތު ހުތުބާ ތަރުޖަމާ ފެންނަ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުން އެ ބައެއްގެ އަމިއްލަ ބަހުން މުހިންމު މަޢުލޫމާތުތައް ދޭހަވުމަށް މަގުފަހިވެ، ހުތުބާގެ ފިލާވަޅުތައް އެތައް މިލިޔަން ބަޔަަކަށް ފޯރާނެ ކަމަށް ބެލެވެއެވެ.