ޚަބަރު

އަންނަ ރަމަޟާންމަހު ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު ދެގުނަ އިތުރުވާނެ: ވަޒީރު ޑރ.ޝަހީމް


  • ރާއްޖޭގެ 3 ސަރަހައްދެއްގައި ޙާފިޒުންގެ އިމްތިހާނުތައް ދަނީ ކުރިއަށް

  • މިވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިބި

އަންނަ ރަމަޟާން މަހު ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު ދެގުނައަށް އިތުރުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަންނަ ރަމަޟާން މަހުގެ 27 ވިލޭރޭގައި ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެކަމަށެވެ. އަދި މިފަހަރު ދަސްވެނިވާނެ ޙާފިޒުންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދެގުނައަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.


މީގެ އިތުރުން، މި ހަފްތާގައިވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ޙާފިޒުންގެ އިމްތިހާނުތައް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. ހަމަމިއާއެކު، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މިވަގުތު 1434 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުން އަދި 651 ފިރިހެނުންނެވެ.

ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އެންމެ ގިނަ މީހުން ކިޔަވަމުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.

އެގޮތުން މާލެ ގޮފީގައި މިވަގުތު 424 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާއިރު، ހުޅުމާލޭ ގޮފީގައި 155 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެއީ 127 ދަރިވަރުންނެވެ.

ރަށްރަށުގައި އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައެވެ. އެ ގޮފީގައި މިވަގުތު 80 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ޏ. ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 ދަރިވަރުންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން އަންނަނީ ޚާއްޞަ އިނާއަތެއް ދެއްވަމުންނެވެ. ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާއިރު، މިހާރު ޙާފިޒުންނަށް މަހަކު ދެމުން އަންނަ 2000 ރުފިޔާގެ އިނާއަތް 4000އަށް މިވަނީ ބޮޑުވެފައެވެ.

ހަމަމިއާއެކު، ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ހަމައެހެންމެ ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަމެވެ.