ޚަބަރު

ހުސްކުރާ ކޮންޓެއިނަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މުހިންމު ބައެއް: އެމްޕީއެލް


  • 2000 ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ ތިލަފުށީގައި ދަނީ ހަދަމުން

  • މިއާއެކު މާލޭގެ ޕޯޓަށް ދިމާވާ ޖާއިގައިގެ މައްސަލައަށް ލުއި ލިބޭނެ

މާލޭ ޕޯޓަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭގޮތަށް ކުރިއަށްގެންދާ ޕްރޮޖެކްޓަކީ، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ވަރަށް މުހިންމު މަސައްކަތެއްކަމަށް މޯލްޑިވެސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ، މެނޭޖުކުރުމަށް ތިލަފުށީގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ ފަރާތުން ކުންފުނީގެ މުވައްޒަފުންނެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ގެނެސް، ޒަމާނީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ތިލަފުށީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިކަމުގެ ޢަމަލީ މަސައްކަތްތަކުގެ ތެރެއިން، ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭގޮތަށް ކުރިއަށްގެންދާ ޕްރޮޖެކްޓަކީ މީގެ މުހިންމު ބައެކެވެ. ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް މިހާރު ބަހައްޓަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިއީ އެ މަސައްކަތަށް ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށްވުމާއެކު، މީގެ ސަބަބުން މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެއެވެ.

ޕޯޓުގެ މި މުހިންމު މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން ޑިޕަރޓްމަންޓް މުޖާހިދު އަނީސް ވިދާޅުވީ، މިއީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

"މިއީ ޚިދުމަތަށް އަންނާނެ ބޮޑު ބަދަލެއް. މިއީ އެމްޕީއެލްގެ މަސައްކަތް ތިލަފުއްޓަށް ބަދަލުވާ ފުރަތަމަ ފޭސް. ކުރިމަތުގައި ޕޯޓު އޮންނާނީ ތިލަފުށީގަ. މި ޕްރޮޖެކްޓްގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި، ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ މި ތިލަފުއްޓަށް ބަދަލުކުރަނީ. ދެން އެއާއެކު، ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ އެކި މަރުޚަލާތައް ކުރިއަށްދާނީ." އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން ޑިޕަރޓްމަންޓް މުޖާހިދު އަނީސް ވިދާޅުވިއެވެ.

ތިލަފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތުގައި 60 މީޓަރުގެ ކީވޯލްއެއް، ނުވަތަ މަގުތު ޖެޓީއެއް ކޮންޓެއިނަރު ބޭލުމަށް ތަރައްޤީކުރެއެވެ. ކޮންޓެއިނަރު ބެހެއްޓުމަށް ތިލަފުށީގައި ހަދާ އޭރިއާގައި، 20 ފޫޓުގެ 2000އަށްވުރެ ގިނަ ކޮންޓެއިނަރު އެއްފަހަރާ ބެހެއްޓޭނެ ޖާގަ ހަދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މުޖާހިދު ވިދާޅުވީ މި ބަދަލާއެކު، ކޮންޓެއިނަރު ލޯޑްކޮށް، އަންލޯޑްކުރުމުގައި ވާރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

މަގަތު ޖެޓީގެ މަސައްކަތާއެކު، އެ ސަރަޙައްދަށް ޚިދުމަތްތައް ބަދަލުކުރުމުގެ ކުރިން، ޚިދުމަތް ދިނުމާއި މުވައްޒަފުންގެ މަސައްކަތު މާޙައުލަށް ބޭނުންވާނެ ކަންކަންވެސް ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ޔުޓިލިޓީ ޚިދުމަތްތައް ގުޅުމާއި، މުވައްޒަފުންނަށް ތިބެވޭނެ ޖާގަވެސް އެމްޕީއެލްގެ ފަރާތުން އެތާގައި ހަމަޖައްސާނެއެވެ.

"ފެނާ ކަރަންޓާ ގުޅުމުގެ މަސައްކަތް މިދަނީ ކުރަމުން. މަގަތު ފާލަމާ ޔުޓިލިޓީ މަސައްކަތްތައްވެސް މިމަހު ނިންމާލެވޭނެކަމަށް މި ބަލަނީ. މިމަހު ފަހުކޮޅު ނުވަތަ އޮގަސްމަހު، ހުސް ކޮންޓެއިނަރު ތިލަފުށީގައި ބެހެއްޓޭނެ ގޮތް ހަމަޖެހޭނެ." އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން ޑިޕަރޓްމަންޓް މުޖާހިދު އަނީސް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޕޯޓުގެ ޚިދުމަތްތައްވެސް އަންނަނީ ބާރުބޮޑުވަމުންނެވެ. އެމްޕީއެލްއިން ވިދާޅުވީ މާލޭގެ ޕޯޓުގެ ޖާގައިގެ ދަތިކަމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުއިރިއިރު، މި އިތުރުވަމުންދާ އިތުރުވުމާއެކު މަސައްކަތުގެ މާޙައުލުގެ ރިސްކްވެސް ބޮޑުވަމުންދާކަމަށެވެ. ނަމަވެސް ސަރުކާރުން މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްދާ މަޝްރޫޢުއާއެކު މިކަމަށް ޙައްލު ލިބިގެންދާނެއެވެ.

ތިލަފުށީގައި ޕޯޓު ޤާއުމުކުރުމަށް ސަރުކާރުން ނިންމެވީ، ބިން ބޮޑު އަދި ބްރިޖުން ގުޅިފައިވާ ތަނެއްގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށެވެ.